ޚަބަރު

މަސްކިރުވަން އައިސް ހުއްދަ ނުހޯދާ ރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފި


މަސްކިރަން ހުޅުމާލެއަށް ގާތްކުރި މަސްދޯންޏަކުން ހުއްދަ ނުހޯދާ އާއިލާ ކައިރިއަށް ފައިބާ ރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަސްބޭނުމަށްފަހު މަސްކިރުވަން ހުޅުމާލެއަށް ދިއުމުން އެދޯނިން ފޭބި މީހާ އޭނާގެ އައިލާ މީހުން ހުޅުމާލޭގައި އުޅޭ ގޭގައި އާއިލާއާއި އެކު އެއް ރޭ މަޑުކޮށްފައިވާކަމަށެވެ. އަދި އެމީހާ އަލުން އެދޯނީގައި ފުރައިގެން ރަސްދޫއަށް ދިޔައީ އެރަށުގެ ޓާސްކްފޯސް އަދި އެޗްޕީޯއޭގެ ހުއްދައެއް ނެތިކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި މި މީހާ އިއްޔަ ހައްޔަރުކޮށް މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި ބައެއް ރަށްރަށްވެސް މިވަގުތު އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ މި ފަދަ އެންގުތަކަށް ތަބާނުވެ ބައެއް ތަންތަނުން ފިލައިގެން ގޮސް އެހެން ރަށްރަށަށް އެރުމަށް މަސައްކަތް ކުރަމުންނެވެ. މި ފަދަ ގިނަ މައްސަލަތަކެއްގައި މިހާތަނަށް ގިނަ ބަޔަކު ވަނީ ހައްޔަރުވެސްކޮށްފައެވެ. އިއްޔެވެސް ވަނީ ހެރެތެރެ ކަރަންޓީނު ފެސިލީޓީގައި ތިބި 5 މީހަކު އެތަނުން ފިލާފައެވެ. އެހެންނަމަވެސް ރޭ ފުލުހުން ވަނީ މި ފަސް މީހުން ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ކޯވިޑްގެ މި ހާލަތުގައި ކަނޑައަޅާފައިވާ އުސޫލްތަކާއި ހިލާފުވާ ފަރާތަކާއި ދެކޮޅަށް ޖިނާއީ ދައުވާކުރާނެކަން ކަމާއި ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.