ވިޔަފާރި

ކާގޯ ފްލައިޓްގައި 61 ޓަނުގެ މުދާ މިހަފްތާ ތެރޭގައި ގެނެސްފައިވޭ


މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި މިހަފްތާ ތެރޭގައި 61 ޓަނުގެ މުދާ ރާއްޖެއަށް ގެނެސްފައިވާކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންއިން ބުނީ މިހަފްތާތެރޭ ރާއްޖެއަށް މުދާ ގެނައުމަށް ފަސް ދަތުރުކޮށްފައިވާކަމަށެވެ. އެއީ ބެންކޮކްއަށް ކޮށްފައިވާ 2 ދަތުރަކާއި، އިންޑިއާގެ ޗެންނާއީއަށް އަދި ޓްރިވެންޑުރަމަށް ކޮށްފައިވާ ދަތުރެއްގެ އިތުރުން ސްރީލަންކާގެ ކްލޮމްބޯއަށް ކޮށްފައިވާ ދަތުރެކެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނަށް މުދާ ގެނައުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ބާއްވާ ކާގޯ ފްލައިޓު ދަތުރުތަކުގައި ރާއްޖެއަށް ގެންނަނީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި، ސިއްޙީ ސާމާނެވެ.

މިހަފްތާތެރޭ ބެންކޮކަށް ކޮށްފައިވާ 2 ދަތުރުގައި 21 ޓަނުގެ މުދާ ވަނީ ގެނެސްފައެވެ. ޗެންނާއީ 8 ޓަނުގެ މުދާ، ޓްރިވެންޑުރަމުން 16 ޓަނުގެ މުދާ އަދި ކްލޮމްބޯއިން 15 ޓަނުގެ މުދާވަނީ ގެނެސްފައެވެ.

މޯލްޑިވިއަންއިން ކާގޯ ދަތުރުތައް ފަށާފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ.