ސިޔާސީ

މީރާގެ ބޯޑަށް ފަސް ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ރުހުންދީފި


ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން ފަސް ބޭފުޅަކު އެބޯޑައް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފިއެވެ. ރުހުން ދޭން ފެންނަކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. 

މިހާރު މީރާގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބެވި ފަސް ބޭފުޅެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، ރައީސުލްޖުމްހޫރިއްޔާ އިއްޔެ މަޖިލީހަށް ހުށައެޅުއްވި ނަންތައް ދިރާސާކުރުމަށް ފޮނުވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓިން ދިރާސާކޮށް، ހަތްދިހަ ފަހެއް އިންސައްތައަށް ވުރެ މަތިން މާކުސް ލިބިފައިވަނީ ހަތަރު ބޭފުޅަކަށެވެ. އެއީ އެއީ ގދ. ތިނަދޫ ކުދިމާގޭ ހަސަން ވަހީދާއި، ގއ. ދާންދޫ ސީސަންގޭ ފަސީހް ޒާހިރާއި ލ. މާވަށު އަސްރަފީހިޔާ އަހުމަދު ފާއިޒު މުހައްމަދާއި ހެންވޭރު އީސްޓްވަރޑް ޢާއިޝަތު އަޝާ އަލީއަށެވެ. އަދި މިހަތަރު ބޭފުޅުންގެ އިތުރުން ހ. ނީލްވިލާ ލީނާ މުހައްމަދު ޒާހިރު ހުސައިންނަށްވެސް ވަނީ ރުހުން ދެއްވާފައެވެ. 

ފަސް މެމްބަރުންނަށް ރުހުން ލިބުމާއި ގުޅިގެން ސ. މަރަދޫ ޒެފެއާ ފާތިމަތު ފަރްހީޒާއަށް ރުހުން ހޯދުމަށް ވޯޓަށް އަހާފައެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 16 އިން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ދައުލަތުގެ ޓެކްސް އިދާރާގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބަވަނީ ޑިރެކްޓަރު އަހުމަދު ފާއިޒުގެ އިތުރުން ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާއި ޗެއާޕާސަން އަހުމަދު މުހައްމަދާއި ޑެޕިއުޓީ ޗެއާޕާސަން ހަސަން ވަހީދާއި ޑިރެކްޓަރު އައިޝަތު ލޫލާ ހަސަން އަދި ޑިރެކްޓަރު ހުސެއިން ސިރާޖެވެ. 

މިއަދުގެ ޖަލްސާގައި ކުރާނެ އިތުރު މަސައްކަތެއެް ނެތުމުގެ ސަބަބުން ކުރިއަށް ގެންގޮސްފައިވަނީ މީރާގެ ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ މަސައްކަތް އެކަނިއެވެ.