ޚަބަރު

ކޯވިޑް-19 : އަނބިމީހާގެ ރައްކާތެރިކަމަށްޓަކައި އުފެއްދި ޕީޕީއީ ސެޓްތައް މިހާރު އުފައްދައިދެނީ ހުޅުމާލެ ހޮސްޕިޓަލަށް


ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު ޑިމާންޑެއް އޮތީ ޕާސަނަލް ޕްރޮޓެކްޓިވް އިކްވިޕްމެންޓް (ޕީޕީއީ) އަށެވެ، ސިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވާ މިންވަރަށް އެތަކެތި އުފައްދައި ފޯރުކޮށް ދިނުމުގައި ޤައުމުތަކުގެ ސަރުކާރުތަކަށްވެސް އޮތް ބޮޑު ގޮންޖެހުމާއިއެކު، ޑަސްބިންތަކުގައި ބޭނުންކުރާ ކަޅުކޮތަޅުން ގައުން ހަދައިގެން ޑޮކްޓަރުންނާއި ނަރުހުން ބޭނުން ކުރަންޖެހުމުން އެކަން މީޑިއާތަކުގެ ސަމާލުކަމަށްވެސް އައެވެ.

ރާއްޖޭގައިވެސް ސިއްހީ ޚިދުމަތްތެރިންނަށް ބޭނުންވާ މިންވަރަށް ޕީޕީއީ ފޯރުކޮށް ދިނުމުގައި ދަތިތައް އެބަހުއްޓެވެ. އެހެންނަމަވެސް ކޮންމެހެންވެސް ބޭނުންވާ ފަރާތްތަކަށް ޕީޕީއީ ސެޓްތައް ފޯރުކޮށްދެވިފައިވާ ކަމުގައި ނެޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

ކޯވިޑް-19 ސަލާމަތްވުމަށް ބޭނުންވާ މާސްކާއި ޕްރޮޓެކްޓިވް އެހެން ތަކެތި އަމިއްލައަށް އުފައްދައި ފޯރުކޮށް ދިނުމުގެ މަސައްކަތް ރާއްޖޭގައިވެސް އާއްމު ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. މިގޮތުން ލިސާ މޯލްޑިވުސްގެ މެނޭޖިގ ޑައިރެކްޓަރ އިބްރާހިމް ޝަހީމް ވަނީ ހުޅުމާލޭގައި ހުންނަ، އެކުންފުނީގެ ޕްލާސްޓިކް ކޮތަޅު އުފައްދާ ފެކްޓްރީގައި އެމަސައްކަތް ފައްޓަވާފައެވެ.

"އަޅުގަނޑުގެން އަންހެނުން މަސައްކަތް ކުރަނީ، ހުޅުމާލެ ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި. ދެން އެންމެ ފުރަތަމަ އަންހެނުންނަށް އެތަކެތި ތައްޔާރުކޮށްދޭން ފެށީ" މަސައްކަތް ފެށުނު ގޮތް ޕީއެސްއެމް ނިއުސް އާއި ހިއްސާކުރައްވަމުން ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ޕީޕީއީގެ ދަތިކަން ބޮޑުވެފައި ވުމާއި އެކު، އެތަކެއްޗަކީ ރާއްޖޭގައި އުފެއްދިދާނެ ތަކެތިތޯ ބެލުމަށް ކުރި މަސައްކަތްވެސް ކާމިޔާބު ކަމަށެވެ.

"ހަމަ ރާއްޖެއިން ބޭރުން ގެންނަ ތަކެއްޗާއި އެއްފެންވަރެއްގައި އެބަ އުފެއްދޭ! ޕީޕީއީ ސެޓްގައި ހިމެނޭ، ގައުން އާއި ހެޑްކަވަރ އާއި ޝޫކަވަރ އަޅުގަނޑުމެން އެބަ އުފައްދަން. އޭގެ އިތުރުން އޭޕްރޯން، ސްކޭން މެޝިންގެ ޕްރޮޕް ކަވަރ، ބެޑްކަވަރ އަދި ޕިލޯޝީޓްވެސް އެބަ އުފައްދަން." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އަންހެނުންނަށް އުފައްދައިދިން ތަކެތި ފެނިގެން ހުޅުމާލެ ހޮސްޕިޓަލުން އެފަދަ ސެޓްތައް އުފައްދައި ފޯރުކޮށް ދިނުމަށް އެދިފައިވާ ކަމަށެވެ. މިގޮތުން 200 ސެޓް އެހޮސްޕިޓަލަށް ބޭނުން ވެގެން މިހާރު، 100 ސެޓް އުފައްދައި މިއަދު ހޮސްޕިޓަލާއި ހަވާލު ކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް މުޅިރާއްޖެއަށް މިތަކެތި އުފައްދައި ސަޕްލައިކޮށް ނުދެވިދާނެ. އެކަމަކުވެސް އެންމެ ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެންގެ ޤާބިލްކަން ހުރި މިންވަރުން އެކަން ކޮށްދެވޭތޯ ބަލަމުން މިދަނީ،" ޝަހީމް ވިދާޅުވިއެވެ.

ލިސާމޯލްޑިވުސްއަކީ، ރާއްޖެއިން ބޭރުން ގްރެއިންޕްލާސްޓީކް (ޕްލާސްޓިކް ފުށް) އެތެރެކޮށް ރާއްޖޭގައި ފުޅާދާއިރާއެއްގައި ބަޔޯޑިގްރޭޑަބަލް ކޮތަޅު އުފައްދައި ހޯލްސޭލްކުރަމުން އަންނަ ކުންފުންޏެކެވެ. އެކުންފުނީގެ ފެކްޓްރީ ހުންނަނީ ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައެވެ.

ޕީޕީއީގައި ހިމެނޭ، ހެޑްކަވަރ އާއި ގައުން އަދި ޝޫކަވަރ ފަދަ ތަކެއްޗަކީ، ޕްލާސްޓިކްއިން އުފައްދާތަކެތި ކަމަށް ވުމުން އެތަކެތި ލިސާމޯލްޑިވުސްގެ ފެކްޓަރީގައި މިހާރު ވަނީ އުފައްދަން ފަށާފައެވެ.

ޕީޕީއީސެޓްތައް ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްޙީމަރުކަޒުތަކަށް އަދި ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލޓީތަކަށްވެސް ވަނީ ގިނައަދަދަކަށް ބޭނުން ވެފައެވެ. އަދި އެތަކެތި ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެކުރުމަށް ސަރުކާރުން އަންނަނީ ބޮޑު ހޭދައެއްވެސް ކުރައްވަމުންނެވެ.