ޚަބަރު

ކޯވިޑް-19 : 86 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 734 އަށް


މިއަދު 86 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 700 އަށްވުރެ މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވި މިއަދު ޕޮޒިޓިވްވި 86 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 67 މީހުންނާއި، 14 ދިވެހިންނާއި، އިންޑިޔާގެ 3 މީހުންގެ އިތުރުން ނޭޕާލްގެ މީހަކާއި ސްރީލަންކާމީހެކެވެ.

މީގެ ތެރޭގައި މޮނިޓަރިންގެ ހާލަތުގައި އުޅެމުންދިޔަ ތަންތަނުގައި ދިރިއުޅެމުންދިޔަ މީހުންވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއަދު ޕޮޒިޓިވްވި 86 މީހުންނާއިއެކު މިއަދު ވެފައިވަނީ މިމަހުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހަށެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ 230އަށް އަރާފައެވެ. އަދި ބިދޭސީންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުމިވަނީ 504 މީހުންނަށް އަރާފައެވެ. އަދި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ 413 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އިންޑިއާ 60 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.