ޚަބަރު

ކޯވިޑް-19 : ޔޫރަޕްގެ މާކެޓު ހުޅުވެމުން ދިޔުމާއި އެކު، ރާއްޖެއިން އެކްސްޕޯޓުކުރާ ބޮޑުކަންނެލީގެ ޑިމާންޑު ބޮޑުވެއްޖެ


ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން ޔޫރަޕަށް ފިނިކުރި ތާޒާ ކަންނެލި ވިއްކުމުގައި ހުރި ދަތިތައް ކޮންމެވެސް ވަރަކަށް މިހާރު ފިލައި، ޔޫރަޕްގެ ވިޔަފާރީގެ މާކެޓްތައް އަލުން ހުޅުވެމުން ދާއިރު، ދިވެހިމަހަށް ޔޫރަޕްގެ ޤައުމުތަކުގައި އޮތް ޑިމާންޑް މަތިވެއްޖެ ކަމުގައި، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަނުން ބުނެފިއެވެ.

ރާއްޖެއިން މަސްއެކްސްޕޯޓު ކުރާ ކުންފުނިތައް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ޔޫރަޕްގައި ރާއްޖެއިން އެކްސްޕޯޓްކުރާ ފިނިކުރި ތާޒާ ރޯމަހަށް އޮތް ޑިމާންޑް ބޮޑުވަމުން ދިޔުމާއިއެކު، ރާއްޖޭގެ ކުންފުނިތަކުން ބޮޑުކަންނެލި ކިލޯއެއް ގަންނަ އަގުވެސް 60ރއަށް ބޮޑުކޮށްފައި ވާކަމަށެވެ. ޔޫރަޕްގެ ޤައުމުތަކުގެ ފުރަބަންދާއި ގުޅިގެން މާކެޓަށް އައި ބަދަލުތަކުގެ ސަބަބުން މީގެ ކުރިން ކިލޯއެއް ގަންނަމުން އައި އަގު 25ރ އަށް ވެއްޓުނެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ކޮންމެ އަހަރެއްގެވެސް މިދުވަސް ވަރަކީ، ރާއްޖޭގެ މަސްވެރިން މަހަށް ފުރުން މަދު ދުވަސް ވަރަކަށް ވުމާއި އެކު، ޔޫރަޕަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ މިންވަރަށް މަސްނުލިބި ދިޔުމުގެ މައްސަލަ ކުރީ އަހަރުތަކުގައިވެސް ކުރިމަތިވަމުން ދިޔަކަމަށެވެ. އަދި މިދުވަސްވަރާއި ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާފަރާތްތައް މަސްވެރިކަމަށް ނުނިކުންނަ ނަމަ އެއީ ދިވެހިމަހަށް ޔޫރަޕްގައި އޮތް މާކެޓް ގެއްލި ސަޕްލަޔަރުން އެހެން ޤައުމުތަކުގެ މަސްއެކްސްޕޯޓް ކުރާ ފަރާތްތަކުގެ އަތުން މަސްގަންނަންޖެހި، މިފަދަ ދަތި ދަނޑިވަޅެއްގައިވެސް ރާއްޖެއަށް ލިބިފައި އޮތް މުހިއްމު ފުރުޞަތެއް ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން މިވަގުތަކީ ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ ފިނިކުރި ރޯމަހަށް އޮތް މާކެޓް ގެއްލުނަނުދީ ހިފެހެއްޓުމަށް ދިވެހި މަސްވެރިން ހިއްވަރާއި އެކު މަސައްކަތްކުރަން ޖެހިފައިވާ ވަގުތެއް ކަމުގައި އެ އެސޯސިއޭޝަނުން ފާހަގަކޮށްފައި ވެއެވެ. އަދި ދިވެހި އިޤުތިޞާދުގެ މައިކައްޓަކީ މަސްވެރިކަން ކަމުގައި ވާއިރު މިއީ އިޤުތިޞާދުގައި މަސްވެރިންގެ ރޯލު ދެމެހެއްޓުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެއްކަމަށާއި، ދިވެހި އިޤުތިޞާދަށް ބޭނުންވާ ޑޮލަރު ލިބުމަށް އޮތް އެންމެ މުހިއްމު ސިނާއަތަކީވެސް މިހާރު މަސްވެރިކަމުގެ ސިނާއަތްކަމުގައި އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމު މިފުރުޞަތުގެ ބޭނުން ހިފުމަކީ، ޤައުމުގެ އިޤުތިޞާދު ދެމެހެއްޓުމާއި މަސްވެރި އާއިލާތަކަށްވެސް މިވަގުތު ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ނުހަނު މުހިއްމު ކަމެއް ކަމުގައިވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމާއި، ބޮޑުކަންނެލީގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެ ވަގުތުން ފައިސާ ދެވޭނެ ހާލަތެއް އޮތުމާއި އެކު މިދުވަސްވަރު މަސްވެރިން މަހަށް ނުކުތުމަކީ، ބަލިމަޑުކަމާއި ގުޅިގެން އިޤުތިޞާދު ހީނަރުވެ ތަދުމަޑުކަމެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި، މުޅިޤައުމާއި ރައްޔިތުންގެ ހައްޤުގައި މަސްވެރިންނަށް ކުރެވޭނެ ޤައުމީ ޖިހާދެއް ކަމުގައިވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ދިވެހި އިޤުތިޞާދު ސަލާމަތްކުރުމަށް މަސްވެރިން މަހަށް ނުކުތުމަށް ބާރު އަޅައި، ބޮޑުކަންނެލި މަސްވެރިންގެ އަތުން ގަނެ އެކްސްޕޯޓްކުރެވެންދެން ގަނޑުކުރި މަހުގެ ގޮތުގައި ރައްކާކުރުމަށް ސަރުކާރުން ވަނީ 100 މިލިޔަން ރުފިޔާގެ ލޯނު ފެސިލިޓީއެއްވެސް ހަމަޖައްސަވައި ދެއްވާފައެވެ. ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން އެޅުއްވި އެފިޔަވަޅަކީ، މަސްވެރިކަމުގެ ސިނާއަތު ދަމަހައްޓައި ދިވެހި އިޤުތިޞާދު ސަލާމަތް ކުރުމަށް އެޅުއްވި ވަރަށް ހަރުދަނާ މުހިއްމު ފިޔަވަޅެއްކަން ފާހަގަކޮށް، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.