ކޯވިޑް-19

ކޯވިޑް-19 : ފުރަބަންދުގެ އުސޫލާ ޚިލާފުވެގެން އިއްޔެވެސް 220 މީހަކު ޖޫރިމަނާކޮށްފި


ފުރަބަންދުގެ އުސޫލާއި ޚިލާފަށް މަގުމައްޗަށް ނިކުމެއުޅުނު 220 މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ފާސްނެތި ބޭރަށް ނިކުމެ އުޅެނިކޮށް އިއްޔެ 220 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އުސޫލާ ޚިލާފުވި 9 މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށެވެ. ފުރަބަންދުގެ އުސޫލާ ޚިލާފުވާ މީހުން ޖޫރިމަނާކުރަނީ 1000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުންނެވެ. އެގޮތުން ފުލުހުން ވަނީ މިހާތަނަށް މި އުސޫލާ ޚިލާފުވި 2300 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައެވެ. އަދި މި އުސޫލާ ޚިލާފުވި 171 މީހަކުވެސް މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަޙައްދުގައި ވަކި ޚާއްސަ ހުއްދައެއްގެ ދަށުން ނޫނީ އާއްމުންނަށް މަގުމައްޗަށް ނުނިކުމެވޭނެހެން އިޢުލާންކޮށްފައިވާ ފުރަބަންދާއި ގުޅިގެން ފުލުހުންވަނީ މާލޭ މަގުތައް ބެލެހެއްޓުން ހަރުދަނާކޮށް، ޤަވާއިދުތަކާއި ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުންވެސް ވަރުގަދަކޮށްފައެވެ. އަދި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވާ މީހުންނާމެދު މިދިޔަމަހުގެ 19 އިން ފެށިގެން ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ފުރަތަމަ އިޢުލާންކުރި 14 ދުވަހުގެ ފުރަބަންދުގެ ހާލަތުނިމި، މިހާރު އިތުރު 14 ދުވަހަށް މާލޭ ސަރަަޙައްދު ފުރަބަންދުކޮށްފައިވާއިރު، މި މުއްދަތުގައިވެސް ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުންގެ ހުއްދައާއިއެކުގައެވެ.

މިހާރު ބޭރަށް ނިކުތުމުގެ ފާސް ދޫކޮށްފައިވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް އޮންނަ މީހުންނަށާއި، ޑެލިވަރީ ޚިދަމަތްދޭ މީހުންނާއި، އެކި އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ބައެއް އުޅަނދުތަކަށެވެ.

މީގެއިތުރަށް ކޮންމެ ތިން ދުވަހުން އެއް ދުވަހު ވިޔަފާރިބޭނުމަށް 1 ގަޑިއިރު ބޭރަށް ނިކުމެ އުޅުމުގެ ހުއްދައެއް ފުލުހުންދަނީ އާންމުންނަށް ދެމުންނެވެ. މިހާރު ހުއްދަ ދޫކުރަނީ ވަކި ސަރަޙައްދުތަކެއްގައި ބޭނުންކުރެވޭގޮތަށެވެ.

ޒަރޫރީ އެހެނިހެން ޚިދުމަތްތައް ހޯދުމަށް ގެއިން ބޭރަށް ނިކުމެވޭނީވެސް ފުލުހުންގެ ހުއްދައެއް އޮވެގެންނެވެ. މި ހުއްދަތައް އޮންލައިންކޮށް ފަސޭހަކަމާއިއެކު ނެގޭނެ ޕޯޓަލްއެއްވެސް ފުލުހުންވަނީ ޤާއިމުކޮށްފައެވެ.