ވިޔަފާރި

އުރީދޫގެ ކަސްޓަމަރުންނަށް ބިލަށް ފައިސާ ދެއްކުމުގެ މުއްދަތު 2 މަސް ދުވަހަށް ފަސްކޮށްދެނީ


ކޯވިޑް-19ގެ ސަބަބުން މާލީ ދަތިކަން ދިމާވެފައިވާ ކަސްޓަމަރުންގެ ބިލް ދެއްކުމުގައި ހާއްސަ އެހީތަކެއް ދިނުމަށް އުރީދޫއިން ނިންމައިފިއެވެ.

އުރީދޫން ބުނީ ރާއްޖޭގެ ރައްޔިތުންނަށް ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުގައި އެހީތެރިވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބިލަށް ފައިސާ ދެއްކުމުގައި ދަތިތައް ކުރިމަތިވެފައިވާނަމަ، ފައިސާ ދެއްކުމުގެ މުއްދަތު ބިލް ތައްޔާރުކުރާ ދުވަހުންފެށިގެން 2 މަސް ދުވަހަށް އިތުރުކުމަށް އެދިލެއްވުމުން، އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް މި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މާލީ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް، ބިލަށް ފައިސާ ދެއްކުމުގެ ޕްލޭންތަކާއި އެހެނިހެން ލުއިފަސޭހަކަން ރިކުއެސްޓްކޮއްލުމުން ހަމަޖައްސައިދެވޭނެކަމަށް އުރީދޫން ބުނެއެވެ.

ކޯވިޑް-19އާ ގުޅިގެން ދިމާވި ކަންކަމުގައި ވަޒީފާ ގެއްލުނުކަމަށް ރެޖިސްޓަރ ކުރެވިފައިވާ ފަރާތްތަކަށް، އެކަމަށް ހައްލެއް ނުލިބެނީސް ނުވަތަ އެ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ލިބޭނެ އިތުރު ގޮތެއް ފަހިނުވާކަމުގައި ވާނަމަ، އުރީދޫ ބިލްތައް ދައްކާފައި ނުވިކަމުގައިވިއަސް ޖޫން 2020ގެ ނިޔަލަށް އެފަރާތްތަކުގެ ޙިދުމަތް ކަނޑާނުލާނެ ކަމަށްވެސް އުރީދޫން ހާމަކުރެއެވެ. މާލީ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަސަޓަމަރުން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް http://ore.do/billsupport މެދުވެރިކޮށް ރިކުއެސްޓްކުރެވޭނެއެވެ.

އުރީދޫން ދޭން ނިންމާފައިވާ ލުއިތަކާއި ގުޅޭގޮތުން އެކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އެކުންފުނިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ކަސްޓަރުންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮށްދިނުމަށްކަމަށެވެ.

" ކޯވިޑް-19 ގެ ސަބަބުން، މީގެ ކުރިން ކުރިމަތިލާން ޖެހިފައިނުވާ ގޮންޖެހުންތަކާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިދަނީ ކުރިމަތިލަމުން. ކުންފުންޏަށް ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭ ކަމަކީ ކަސްޓަމަރުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުން. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އަދި ފަސޭހަކަމާއިއެކު ލިބިގަނެވޭނެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

ކޯވިޑް-19 ޕެންޑެމިކްއާއި ގުޅިގެން ކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކާއި، އިމަރޖެންސީ ރެސްޕޯންސް ޓީމްތަކަށް ހިލޭ ކަނެކްޝަން ގެ އިތުރުންވެސް އެހެނިހެން އެހީތައް އުރީދޫ މޯލްޑިވްސްއިން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، އަވަސް އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް އެކި އެކި ދާއިރާތަކުގެ ޕާރޓްނަރުންނާއި ގުޅިގެން ތަފާތު މަސައްކަތްތަކެއްވެސް ކުންފުނިން ދަނީ ކުރަމުންނެވެ.