ޚަބަރު

އެކަށީގެންވާ ހެކި ނެތިގެން ދޫކޮށްލަންޖެހުނު މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސައްކަތް ފަށައިފި


މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ތޫނު އެއްޗަލުން ހަމަލާދިން މައްސަލާގައި ފުލުހުން ހިންގި ތަޙްޤީޤް ރަނގަޅުކަމަށާއި، އެ މައްސަލާގައި ދައުވާކުރުމަށް އިތުރު ކުރިއެރުންތަކެއް ހޯދުމުގެ މަސައްކަތްކުރަމުން އަންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ފެބުރުއަރީމަހުގެ 5 ވަނަ ދުވަހު ހުޅުމާލޭގެ މަގެއްގެ މަތިން ތިން ފަތުރުވެރިއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ ތަޙްޤީޤްކޮށް، 8 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މައްސަލާގައި ފުލުހުންގެ ތަޙްޤީޤަށް ހޯދާފައިވާވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ދައުވާކުރެވެން ނެތްކަމަށް ޕީޖީން ނިންމުމާއިގުޅިގެން މިމައްސަލާގައި ބަންދުކޮށްފައިތިބި މީހުން މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.

މި މައްސަލައާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ކުރި ތަޙްޤީޤާއި މިކަމުގައި ފުލުހުން ޢަމަލުކުރިގޮތް އަލުން ބެލުމަށްޓަކައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޤާނޫނީ ވަކީލަކާއި، ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ޕެނަލެއް ބާއްވަވާފައިވާކަމަށެވެ. މި މައްސަލާގައި ފުލުހުން އެކަށީގެންވާވަރުގެ ތަޙްްޤީޤެއް ހިންގާފައިވާކަމަށާއި، ދައުވާކުރުމަށް އެކަށީގެންވާ ހެކި ހޯދުމާ އިތުރު ކުރިއެރުންތައް ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު މަސައްކަތްކުރެވެމުންދާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދު ވިދާޅުވިއެވެ.

ކޮމިޝަނރަ އޮފް ޕޮލިސް ވިދަޅުވީ އެމީހުން ދޫކޮށްލާފައި ތިބޭ މުއްދަތުގައި މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ހައިކޯޓުން ނެރެފައިވާ މޮނިކޮމް ޢަމުރުގެ ދަށުން އެމީހުން މޮނިޓަރ ކުރެވެމުންދާކަމަށެވެ.

މި މައްސަލާގައި ހިމެނޭ އަށް މީހުންގެ ފައިގައި ޓެގް އަޅުވައިގެން މޮނިޓަރ ކުރުމަށް ޢަމުރު ނެރެފައިވަނީ އެއްދުވަހުގެ މުއްދަތަކަށެވެ.

ފެބުރުއަރީމަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހަކު ވަނީ ތޫނު އެއްޗަކުން ހަމަލާދީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ ދެމީހަކާއި އޮސްޓްރޭލިއާ މީހަކު ޒަޚަމްކޮށްލާފައެވެ.