ޚަބަރު

މޯލްޑިވިއަންގެ 2 ފްލައިޓެއްގައި 234 ދިވެހިން މާދަމާ އިންޑިއާއިން ރާއްޖެއަށް


މޯލްޑިވިއަންގެ 2 ފްލައިޓެއްގައި 234 ދިވެހިން މާދަމާ އިންޑިއާއިން ރާއްޖެއަށް އަންނާނެއެވެ.

ދިވެހިން ގެންނަނީ އިންޑިއާގެ 16 ސިޓީއަކުންނެވެ. އޭގެތެރޭގައި ހިމެނެނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޯރ، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީއިންނެވެ.

މޯލްޑިވިއަންގެ އެއަރބަސް މަތިންދާބޯޓު ދަތުރުކުރާނީ މާލެ- ދިއްލީ- ޓްރިވެންޑްރަމް- މާލެ ރޫޓުންނެވެ. މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާނީ މާދަމާ މެންދުރުފަހު ދޭއްޖަހާއިރުއެވެ. ޑޭޝް މަތިންދާބޯޓު ދަތުރުކުރާނީ މާލެ- ޓްރިވެންޑްރަމް – މާލެ ރޫޓުންނެވެ. މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާނީ މެންދުރު ފަހު އެއްގަޑި ދިހައެއްގައެވެ.

ފްލައިޓުން ދަތުރުކުރާ އިންޑިއާގެ ދުރު ހިސާބުތަކުގައި ދިރިއުޅޭމީހުން މިހާރު ދަނީ ދިއްލީ އަދި ޓްރިވެންޑްރަމަށް ދިޔުމަށް ދަތުރުކުރަމުންނެވެ.

މި ފްލައިޓުގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރާނެއެވެ. ކުރިއަށް އޮތްތަނުގައިވެސް މިފަދަ ފްލައިޓްތައް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.