ޚަބަރު

ސަސްޕެންޝަން އުވުމުން ރޯދަ ޢިނާއަތް ލިބޭނީ ބާކީ އޮތް ދުވަސްތަކަށް - ސީއެސްސީ


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީްްކުރެއްވުމުން، އިންތިޚާބަށް ވާދަކުރި މުވައްޒަފުންގެ ސަސްޕެންޝަން އުވި ރަމަޟާންމަހުގެ ޢިނާއަތް ބާކީ އޮތް ދުވަސްތަކަށް ލިބޭނެކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

ލޯކަލް ކައުންސިލްތަުގެ އިންތިޚާބުގައި ވާދަކުރި ސިވިލް ސަރވިސް މުވައްޒަފުން ސަސްޕެންޑްކުރެވިފައިވުމުން މިހާތަނަށް މުސާރައާއި އިންއަޔްތައް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިޚާބު ނުބޭއްވި، އިންތިޚާބު ފަސްކުރުމަށް މަޖިލީހުން ފާސްކުރި ބިލުގައި ވަނީ ސަސްޕެންޑްވި ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން ޤާނޫނު ތަސްދީޤްކުރެއްވުމުން އުވިގެންދާނެކަމަށް ބަޔާންކޮށްފައެވެ.

މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީޤްކުރެއްވުމުން ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އިއްޔެވަނީ އުވިގެންގޮސްފައެވެ. މިކަމާއި ގުޅިގެން ސިވިލް ސާރވިސް ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ސަސްޕެންޝަން އުވި މުވައްޒަފުން ވަޒީފާއަށް ނުކުންނަށް ހަމަޖެހުނުއިރު، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ސަރުކާރު މުވައްޒަފުން މަސައްކަތްކުރަނީ ޚާއްޞަ އުޞޫލެއްގެ ދަށުންކަމަށެވެ. އެހެންކަމުން ވަޒީފާއަށް ނުކުތުމަށް ހަމަޖެހިފައިވާ މުވައްޒަފުން އެ އޮފީހެއްގެ ޒިންމާދާރު ވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލް އަންގާ ގޮތެއްގެގެ މަތިން ވަޒީފާ އާދާކުރުމަށް ވަނީ އަންގާފައެވެ.

އަދި ވަޒީފާއަށް ނުކުތް މުވައްޒަފުންގެ ރަމަޟާންމަހުގެ ޢިނާއަތް، ވަޒީފާއަށް ނުކުތް ދުވަހުންފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ޖެހޭ ޢަދަދުގެ ފައިސާ ދޭނެކަމަށްވެސް ސިވިލް ސާރވިސް ކޮމިޝަނުން ނެރުއްވި ބަޔާނުގައިވެއެވެ.