ޚަބަރު

ކޯވިޑް-19އަށް ފަރުވާކުރުމަށް ރެމްޑެސިވާ ބޭސް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއިން ދީފި


އެމެރިކާގެ ޞިއްޙަތާބެހޭ ވުޒާރާއިން އެޤައުމުގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ގިލީޑް ސައިންސަސް ކުންފުނީގެ ރެމްޑެޒިވާ ބޭސް ބޭނުންކުރުމުގެ ޙުއްދަ ދީފިއެވެ.

ރެމްޑެޒިވާ ބޭސް ބޭނުންކުރުމުން ކޯވިޑް-19 ޖެހިފައިވާ ބަލި މީހުންނަށް ލުއިތަކެއް ވާކަމަށްވަނީ ފާހަގަވެފައެވެ. އެބޭސް ދީފައިވާ މީހުން ހަސްފަތާލުގައި އެނދުމަތިކޮށް ފަރުވާދިނުމަށްފަހު ގެއަށް ފޮނުވާލުމަށް ނަގާ ވަގުތު ކުޑައެވެ. މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯޯރިޓީއިންވަނީ ކޯވިޑް-19އަށް ފަރުވާ ދިނުމަށް އެބޭސް ބޭނުންކުރުމުގެ ކުއްލި ޙުއްދައެއް ދީފައެވެ.

މިދިޔަ އޭޕްރިލް މަހު ގިލީޑް ކުންފުނިންވަނީ ރެމްޑެސިވާގެ 1.5 މިލިއަން ޑޯޒު ދުނިޔޭގެ އެކި ޤައުމުތަކަށް ހަދިޔާކުރަން ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ. އޭގެ ތެރެއިން 40 އިންސައްތަ ޑޯޒު ކަމަށްވާ 607،000 ހަދިޔާކުރާނީ އެމެރިކާއަށެވެ. އަދި އެމެރިކާ ސަރުކާރު މެދުވެރިވެ އެ ބޭސް އެމެރިކާގެ އެެކި ސަރަޙައްދުތަކަށް ފޯރުކޮށްދޭނެކަމަށް އެކުންފުނިންވަނީ ބުނެފައެވެ. ކުރިއަށް އޮތް ހަ ހަފްތާގެ ތެރޭގައި ގިލީޑުން ބޭސް ފޯރުކޮށްދިނުމުން އެމެރިކާގެ ޞިއްޙަތާބެހޭ އިދާރާއިން އެކި ސްޓޭޓުތަކުގެ ހަސްފަތާލުތަކަށް އެބޭސްތައް ބަހާނެއެވެ. އެމެރިކާއިން ބޭސް ފޮނުވުމަށް ހަމަޖެހިފައިވަނީ އިލިނޯއީއާއި އަޔޯވާއާއި ކަނެކްޓިކަޓާއި މޭރީލޭންޑާއި މިޝިގަންއާއި ނިއު ޖާސީއަށެވެ. ކުރިއަށްއޮތް ތަނުގައި އެބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށް ބެލެވޭތީ އެމެރިކާގެ ސްޓޭޓުތަކަށް ބޭސް ބަހާގޮތް ދަނީ ވަރަށް ކައިރިން ބަލަމުންނެވެ.

ބަލީގެ އަސަރު ބޮޑަށް ކޮށްފައިވާ ނިއުޔޯކާއި ބޮސްޓަން ފަދަ ބައެއް ހިސާބުތަކުންވަނީ ބޭސް ނުލިބޭކަމުގެ ޝަކުވާކޮށްފައެވެ. އިންފެކްޝަސް ޑިޒީސް ސޮސައިޓީ އޮފް އެމެރިކާއިންވަނީ ބޭސް ބެހުމަށް ސަރުކާރުން ރާވާ ގޮތާއި ސަރަޙައްދުތަކާ ބެހޭ މަޢުލޫމާތު ޙިއްޞާ ކުރުމަށް ސަރުކާރުގައި އެދިފައެވެ.

ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ އެމެރިކާގައެވެ. އެޤައުމުގައި ބަލީގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދުވަނީ 1.3 މިލިއަނަށް އިތުރުވެފައެވެ. އަދި ބަލީގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 80،040އަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަލަށް ބަލިޖެހިފައިވާ 25,524 މީހުންފެނި 1422 މީހުން އެޤައުމުގައިވަނީ މަރުވެފައެވެ.