ޚަބަރު

ކޯވިޑް-19 ޖެހިފައިވާ މީހަކު އަނެއްކާވެސް ވުހާން ސިޓީއިން ފެނިއްޖެ


ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނު ޗައިނާގެ ވުހާން ސިޓީއިން ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެއެވެ.

މިދިޔަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކޯވިޑް-19 ޖެހިފައިވާ އެއްވެސް މީހަކު ވުހާން ސިޓީއިން ފެނިފައެއް ނުވެއެވެ. ނަމަވެސް މެއި މަހުގެ 9 ވަނަ ދުވަހު ޗައިނާއިން އަލަށް ބަލިޖެހިފައިވާ 14 މީހުންގެ ތެރޭގައި ވުހާން ސިޓީގެ މީހަކުވަނީ ހިމެނިފައެވެ.

މިދިޔަ ހަފްތާގައި ޗައިނާއިންވަނީ އެޤައުމުގެ ހުރިހާ ސަރަޙައްދުތަކަކީ ކޯވިޑް-19 ފެތުރުމުގެ ފުރުޞަތު ކުޑަ ސަރަޙައްދުތަކެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައެވެ. ނަމަވެސް އެޤައުމުގެ ޝުލާން ސިޓީއިން އަލަށް ބަލިޖެހިފައިވާ 11 މީހުން ފެނުމުން އެސަރަޙައްދުވަނީ ބަލިފެތުމުގެ ފުރުޞަތު ބޮޑު ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެސިޓީ ނިސްބަތްވާ ޖިލިން ޕްރޮވިންސުގެ ރަސްމީ ފަރާތްތަކުން ބުނީ މެއި މަހުގެ 7 ވަނަ ދުވަހު ޝުލާން ސިޓީއިިން ކޯވިޑް-19 ޖެހިފައިވާ އަންހެނެއް ފެނިފައިވާކަމަށާއި އޭނާއާއި އޭނާގެ އާއިލާއާ ގުޅުންހުރި އިތުރު 11 މީހަކަށް ބަލީގެ އަސަރުކޮށްފައިވާކަމަށެވެ.

ޗައިނާގެ ޞިއްޙަތާބެހޭ ކޮމިޝަނުންބުނީ ވުހާނުން އަލަށް ކޯވިޑް-19 ޖެހުނު މީހާގެ ފަރާތުން ކުރިން ބަލީގެ އެއްވެސް ޢަލާމާތެއް ފެނިފައިނުވާކަމަށެވެ. ވުހާންއާއި ޝުލާނުން ފެނުނު ކޭސްތަކުގެ އިތުރުން ދެން ފެނުނު ދެކޭހަކީ ބޭރު ޤައުމަކުން ޗައިނާއަށް ދަތުރުކުރި ދެމީހުންނެވެ. އަދި ބަލީގެ އަލާމާތެއް ނުފެނި ބަލިޖެހިފައިވާ 20 މީހުން ފާހަގަވެފައިވާކަމަށް އެޤައުމުން ބުނެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކާއި ސަރަޙައްދުތަކުން 4,115,559 މީހުންނަށް ކޯވިޑް-19ގެ އަސަރުވަނީ ކޮށްފައެވެ. ޗައިނާގައި 82,901 މީހުންނަށް ބަލި ޖެހި، 4,633 މީހުންވަނީ ބަލީގައި މަރުވެފައެވެ