ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވްވި އިތުރު މީހަކު ރަނގަޅުވެއްޖެ


ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ރަނގަޅުވެއްޖެއެވެ.

ބަލިން ރަނގަޅުވެފައިވަނީ ކޭސް ނަންބަރު 95ގެ ގޮތުގައި ރެކޯޑްކުރެވިފައިވާ މީހާއެވެ. އެއީ ބަންގްލަދޭޝަށް ނިސްބަތްވާ ޢުމުރުން 38 އަހަރުގެ މީހެކެވެ. މިއީ އޭޕްރީލް 22ގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 31އަށް އަރާފައެވެ. އެއީ 17 ދިވެހިންނާއި 14 ބިދޭސީންނެވެ. ކޯވިޑް-19 އިމްޕޯޓެޑް ޖޭސް ނުވަތަ ރާއްޖެއިން ބޭރުން އައިސް ކަރަންޓިންގެ މުއްދަތުގައި ހުއްޓާ ނަގާފައިވާ ސާމްޕަލްތަކުން ޕޮޒިޓިވްވި ހުރިހާ އެންމެން މިހާރު ވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މާލެއިން އެންމެ ފުރަތަމަ މި ބައްޔަށް ޕޮޒިޓިވްވި ބައެއް މީހުންވެސް މިހާރު ވަނީ ރަނގަޅުވެފައެވެ.

ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ޓްކްނިކަލް އެޑްވައިަރީ ގްރޫޕުގެ ޑޮކްޓަރ އިބްރާހީމް އަފްޒަލް ވިދާޅުވީ، ރާއްޖޭގއި ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް އަންދާޒާކުރާ މިންވަރަށްވުރެ ލަސްކަމަށެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އަދި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ޢަލާމާތް ފެންނަ މީހުންނަށްވުރެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންކަމަށްވެސް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދަޅުވެއެވެ.

ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު 862އަށް އަރާފައެވެ. ބަލިން ރަނގަޅުވިކަމަށް ނިންމަވަނީ ބަލިމީހާގެ ސާމްޕަލް ދެފަހަރު ނަގައި ޓެސްޓުކޮށް، ނެގެޓިވްވުމުންވެ.