ޚަބަރު

ކޯވިޑް-19 : މިހާލަތުގައި ފޯރުކޮށްދޭ އެހީތަކުންވެސް އިންޑިޔާއަކީ ހަޤީޤީ އެކުވެރިއެއްކަން ހާމަވޭ


އިންޑިޔާއަކީ ހަގީގީ އެކުވެރިއެއްކަން މި އުދަގޫ ދަނޑިވަޅުގައި އެ ޤައުމުން ފޯރުކޮށްދެމުންދާ އެހީތެރިކަމުންވެސް ދައްކުވައިދޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެއްޗާއިއެކު އިންޑިޔާއިން ފޮނުވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއުދަގޫ ދަނޑިވަޅުގައިވެސް އިންޑިޔާގެ އެހީތެރިކަން ރާއްޖެއަށް ލިބެމުންދާކީ އެކުވެރިކަން ވަރަށް ރަނގަޅަށް ދައްކުވައިދޭކަމެއްކަމަށެވެ. އަދި އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ބޮޑުވަޒީރަށާއި އެޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އިންޑިޔާއިން މިއަދުވަނީ 580 ޓަނުގެ މުދާ ރައްޖެއަށް ފޮނުވާފައެވެ. އެހީގެ ގޮތުގައި ގެނައި ތަކެތީގެ ތެރޭގައި ކާޑު ބާވަތްތަކުގެ ގޮތުގައި 200 ޓަނުގެ ހަނޑުލާއި 140 ޓަނުގެ ގޮދަން ފުށާއި 90 ޓަނުގެ ހަކުރު ހިމެނެއެވެ. މީގެއިތުރުން 120 ޓަނުގެ ރީދޫ މުގާއި 26 ޓަނުގެ ފިޔާ އަދި 14 ޓަނުގެ އަލުވިވެސް ހިމެނެއެވެ.

އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިހާލަތުގައި ސަރަހައްދީ ޤައުމުތަކުން ގުޅިގެން އެއްބައިވަންތަކަމާއިއެކު މަސައްކަތް ކުރެވިއްޖެނަމަ މިކަމުން އަރައިގަނެވޭކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ވަނީ ފާއިތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޯވިޑް އިން ރާއްކާތެރިވުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިއްހީ މާހިރުންގެ ޓީމެއް ފޮނުވުމާއި، ބޭހުގެ ޝިޕްމެންޓެއް ފޮނުވުމާއި، ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ރާއްޖެއަށް ގެނެސްދީފައިވަނީވެސް އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއި އެކުގައެވެ.