ޚަބަރު

ކޯވިޑް-19 : 25 ތަނަކަށް އިމާރާތްކުރުމުގެ ހުއްދަ ދީފި


ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާލޭ ސިޓީގައި އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް މިހާތަނަށް 25 ތަނަކަށް ހުއްދަ ދޫކޮށްފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވީ އެތަންތަނަށްވެސް ހުއްދަ ދޫކޮށްފައި ވަނީ އެތަންތަނަކީ މަސައްކަތް ނުކޮށް ހުރުމުގެ ސަބަބުން އިތުރު ގެއްލުންތަކެއް ނުވަތަ ނުރައްކާތެރިކަމެއް ކުރިމަތިވެދޭނެ ތަންތަންނަށް ވެދާނެތީކަމަށެވެ.

އަދި މި ދަނޑިވަޅުގައި އެނޫން އިތުރު ތަންތަނަށް މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ވިސްނުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ޝަމާއު ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ތަންތަނުގެ ތެރެއިން 4 ތަނަކީ ލޮކްޑައުންގެ ކުރިން ހުއްދަ ދީފައިވާތަންތަން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަންތަނުގެ ތެރެއިން މަސައްކަތް ހުއްޓިފައި ވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެކަމަށް ބެލެވޭނަމަ އެފަދަ ތަންތަން ސާވޭކުރުމަށްފަހު އެތަންތަނުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރާނެކަމަށެވެ.

"ޝީޓު އަޅަށް ހުއްދަދީފައިވަނީވެސް ލޮކްޑައުންނަށް ދިޔުމުގެ ކުރިން ހުއްދަދީފައިވާ ތަންތަނަށް އެއީ 4 ތަނެއް. މިތަންތަނުގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް މިހާރު ހުރީ ނިމިފައި."ޝަމާއު ވިދާޅުވިއެވެ.

މަސައްކަތް އަލުން ފެށުމުގެ ހުއްދަ ދިނުމުގައި އިސްކަންދީފައި ވަނީ މަސައްކަތް ހުއްޓާލުމުގެ ސަބަބުން އެތަނަކަށް އިތުރު ގެއްލުންތައް ލިބިދާނެކަމަށް ފެންނަ ތަންތަނާއި، އަދި މަސައްކަތް ހުއްޓާލާފައި ބެހެއްޓުމުގެ ސަބަބުން ކައިރި ގޭގެއަށް ގެއްލުން ލިބޭގޮތަށް ހުރި ތަންތަން ބަލައިގެންނެވެ.

ހުއްދަ ދިނުމުގައި އެޗްޕީއޭއިން ކަނޑައެޅި މިންގަނޑުތައް:
1- މަސައްކަތަށް ނެރޭ މީހުންނަކީ އެކަހެރިކޮށްގެން ބެލެހެއްޓޭނެ އަަދަކަށްވުން.

2- ކޯވިޑްގެ ޢަލާމާތެއް ހުރި މީހަކު މަސައްކަތަށް ނުނެރުން.

3- ކޯވިޑް ޖެހިފައިވާ މީހެއް ނުވަތަ އެފަދަ މީހެއްގެ ކޮންޓެކްޓަކަށް ނުވުން. ނޫނީ މިފަދަ މީހެއްނަމަ 14ދުވަހުގެ އައިސޮލޭޝަން ފުރިހަމަކޮށްފައިވުން.

4- މަސައްކަތު ގަޑީގައާއި އަދި އެހެން ގަޑިތަކުގައިވެސް، އެމީހުން ދިރިއުޅޭ ތަނާއި މަސައްކަތް ކުރާ ސައިޓްނޫން އެހެން ތަންތަނަށް ނުދިއުން.

މަސައްކަތުގެ މާހައުލުގަ ސަމާލްކަންދޭންވީ ކަންކަން:
1- މަސައްކަތުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން.

2- ހެވީ ޑިއުޓީ މާސްކާއި އަންގި ބޭނުންކުރުން.

3- މުވައްޒަފުން ސައިޓަށް ނެރޭއިތު ކުންފުނީގެ ޔުނީފޯމްގައި ނެރުން.

4- މަސައްކަތަށް ނެރުމުގެ ކުރިން ކޮންމެ ދުވަހަކު މުވައްޒަފުންގެ ހުން ބެލުމާއި، ރެކޯޑް ބެލެހެއްޓުން.

5- މަސައްކަތު ސައިޓް ނޫން އެހެން ތަންތަނަށް ނުގެންދިިއުން.
މި ޢުސޫލާއި ޚިލާފުވާނަމަ ފިޔަވަޅު އަޅައި، މަސައްކަތް ފެށުމަށް ދޫކުރި ހުއްދަ ބާތިލްކުރާނެކަމަށް ސިޓީ ކައުންސިލުންވަނީ ވިދާޅުވެފައެވެ.

މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައިވެސް ކޮންސްޓްރަކްޝަން މަސައްކަތްތައް އަލުން ފެށުމުގެ ހުއްދަ ވަނީ ދޭން ފަށާފައެވެ. މިގޮތަށް މަސައްކަތް އަލުން ފެށުމަށް ބޭނުންވާ މީހުން ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއެކަން ހުށައެޅުމަށް ވަނީ އެދިފައެވެ.