ވިޔަފާރި

ގްރީން ޓެކްސްއިން ލިބުނު އާމްދަނީ ދެގުނަ ދަށަށް


އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 57 އިންސައްތަ ދަށްވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ އޭޕްރީލްމަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 35 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 83 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 57 އިންސައްތަ ދަށް އަދަދެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދެގުނައަށް ވުރެ ބޮޑު އަދަދަކުން ދަށްވެފައި މިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައިވާތީއެވެ. މިދިޔަ ފެބްރުއަރީމަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ ދަށަށްދާން ފަށާފައެވެ.

ރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަންޖެހެއެވެ. ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ވައިރަސް ފެތުރެމުން ދިއުމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިދިޔަމަހު މާޗުމަހުގެ ތެރޭގައި ވަނީ ފަތުރުވެރިންނަށް ބަންދުކޮށްފައެވެ. އެއާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ.

ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ދާދިފަހުން ވިދާޅުވެފައިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދުގެ 70 އިންސައްތަ ހިއްސާކުރާ ޓްއަރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައުމާ ގުޅިގެން އެމަސައްކަތް އަލުން ފެށޭނެ ވަގުތަކަށް ވަރަށްބޮޑަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން މިހާރުގެ ޙާލަތަށް ބަލައި ބައްޔާމެދު ހެދިފައިވާ ދިރާސާތަކާއެކު ޓްއަރިޒަމް ސިނާއަތު އަލުން ހުޅުވޭނެ ވަގުތެއްގައި އެކަންކުރެވޭނެ އުސޫލުތަކެއް މިހާރު ހަދާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.