ޚަބަރު

ކޯވިޑް-19 : އަދަދަކުން ހާލަތު ތަސައްވަރެއް ނުކުރެވޭނެ، އަދިވެސް ރާއްޖެއޮތީ ނާޒުކު ހާލަތެއްގައި


މާލެ ސަރަހައްދުގެ ފުރަބަންދާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކުން އަންގަމުންދިޔަ އެންގުތަކަށް ތަބާވެ ރައްޔިތުން ތިބުމުން އުންމީދީ ނިޝާންތަކެއް ފެނުނު ނަމަވެސް އަދި ބަލިން އަރައިގަނެވިއްޖެކަމަށް ދެކިގެން ނުވާނެކަމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ކޯވިޑްގެ ހާލު އޮތް ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ލައިވް ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިވަގުތު ފެންނަމުންދާ އަދަދުތަކަށް ބަލާއިރު އުންމީދީ ނިޝާންތަކެއް ފެންނަމުންދާކަމަށެވެ. އަދި ރާއްޖެއިން ބަލި ފެންނަމުންދާ ގޮތަށް ބަލާއިރު އެއްދުވަހު އަދަދު މަތިވެފައި އަނެއްދުވަހު އަދަދު ދައްވުމަކީ ބަލި ކޮންޓްރޯލްވުންކަމަށް ދެކިގެން ނުވާނެކަމަށެވެ.

މާލެ ސަރަހައްދު ފުރަބަންދުކޮށް މިވީ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ ތެރެއިން ބޮޑު އިންސައްތައެއް ގެއިން ނުނިކުމެ ކަމާއިބެހޭ ފަރާތްތަކުން ކުރަމުންދިޔަ އިލްތިމާސްތަކަށް އިޖާބަ ދިނުމަކީ މަސައްކަތަށް ލިބިފައިވާ ވަރަށްބޮޑު ހިއްވަރެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް މަދުވެ، ކޮންޓެކްޓްވާ މީހުންގެ އަދަދުވެސް ވަރަށްބޮޑުތަނުން މަދުކުރެވިފައިވާކަމަށެވެ.

ރާއްޖޭގެ ހާލަތު ކުރިއަށް އޮތް ދެ ހަފްތާގައި އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ ރައްޔިތުން ވަރަށް ކެތްތެރިކަމާއިއެެކު ކުރިއަށް އޮތް ދެހަފްތާގައި އަމަލުތައް ބެހެއްޓުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އަދަދަކުން ހާލަތު ތަސައްވަރެއް ނުކުރެވޭ. އަދިވެސް ރާއްޖެ އޮތީ ނާޒުކު ހާލަތަތެއްގައި. އަންދާޒާ ކުރުންތަކުން މި ދެހްފާތަގައި އަދަދު އިތުރުވެގެންދާނެ. އަދަދުތައް އެއްދުވަހުން އަނެއްދުވަހަށް މަދުވުމަކީ ބަލި ކޮންޓްރޯލްވުމެއްނޫން. މިހާރު އެންމެބޮޑު އިސްކަމެއްދެނީ މާލޭގައި ފަތުރޭ ނިސްބަތަށް ބަލައި އަތޮޅު ތެރޭގައި ބަލި އޮތްމިންވަރު ދެނެގަތުމަށް ކުރާ މަސައްކަތް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަދި ކުރިއަށް އޮތް ދެހަފްތާގައި ޙާއްސަ ޕްލޭނަކާއިއެކު އަމަލުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޕީކް ހަފްތާތަކުގައިވެސް މާލެ ސަރަހައްދުގައި ބަލި އިތުރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ބަލިޖެހޭ މީހުންގެ އަދަދު މަދުކުރުމަކީ އެންމެބޮޑު އަމާޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާތަނަށް ރައްޔިތުންގެ ފަރާތުން ފެނިފައިވާ ކެތްތެރިކަމާއި ސާބިތުކަމަށްބަލާއިރު މިއީ ނުކުރެވޭ ވަރުގެ ކަމެއްނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޖޭގެ ރައްޔިތުން މި ދަނޑިވަޅުގައި ދައްކަމުންދާ ނަމޫނާއަކީ މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދައްކަމުންދާ ރީތި ނަމޫނާއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ކޯވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޞިއްޚީ މަސައްކަތްތެރިންނާއި، ވޮލެންޓިއަރުންނަށްވެސް އިތުރު ފަސޭހަތަކެއް އަދި ފަސޭހަ ދުވަތަކެއް ލިބިގެންދާނީ ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުން މި ނަމޫނާ ދައްކައިގެން ކަމަށެވެ.