ޚަބަރު

ކޯވިޑް-19 : ޕީކް 2 ހަފްތާއަށް ޚާއްސަ ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރަނީ


ކުރިއަށްއޮތް ދެ ހަފްތާއަކީ ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވާނެކަމަށް ލަފާކުރެވޭ ދެ ހަފްތާކަމުން އެ ޙާލަތާއި ކުރިމަތިލުމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލައި ތަންފީޒް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވާނެކަމަށް ލަފާކުރެވޭ ދެ ހަފްތާއަށް ތައްޔާރުވުމަށްޓަކައި ޞިއްޚީ ބޭފުޅުންނާއި ކަމާއި ގުޅުންހުރި ބޭފުޅުންގެ އިރުޝާދުތަކާއިއެކު އަމަލުކުރާނެ ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާކަމަށެވެ. އަދި އެ ޕްލޭންގައި ކަނޑައަޅާފައިވާ ކަންކަން މިހާރުވެސް ތަންފީޒް ކުރަންފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ޙާލަތުގައި އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ރާއްޖޭގައި ތިބި އުމުރުން ދުވަސްވީ މީހުން ދެނެގަތުން ކަމަށެވެ. މިނިސްޓަރ ވަނީ ހުރިހާ ރައްޔިތުންވެސް ގޭގައި ތިއްބަވަ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، އެމީހުންނާއި ބައްދަލުވާ މީހުންނާއި، ފަރުވާދޭން ގެއަށް ގެންދެވޭ މީހުންވެސް ރައްކާތެރިކަމާއިއެކު ބައްދަލުކޮށް ފަރުވާދެވޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ.

"އުމުރުން ދުވަސްވީ މީހުންނާއި އެކިއެކި ބަލިތަކަށް ބޭސްތައް ބޭނުންކުރަމުންދާ މީހުންނަށް މި ދެހަފްތާގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ. އެކިއެކި ޚިދުމަތް ދިނުމަށް ގެންދެވޭ މީހުންނާއިމެދު ވަރަށްބޮޑަށް ސަމާލުވަންޖެހޭ. ފިހާރާތައް ތަކެތި ގަތުމަށް ދާ މީހުންވެސް ގެއަށް ދިއުމަށްފަހު އަތްދޮވެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަންދޭންޖެހޭ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރައްޖޭގައި މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އުމުރަށް ބަލާއިރު ބަލިޖެހިފައިވާ މީހުންގެ އެވްރެޖް އުމުރު އުޅެނީ 35 އަހަރުން މަތީގައެވެ. އަދި މިމީހުންގެ ތެރޭއިން 80 އިންސައްތަ މީހުންނަކީ ބަލީގައި ރޯގާގެ ކުޑަކުޑަ އަލާމާތެއް ނޫން ކަމެއް ނެތް މީހުންނެވެ. އަދި ބަލީގައި ނުރައްކާތެރި ހާލަކަށް ދާނެކަމަށް ކުރިންވެސް ލަފާކުރެވުނު ގޮތަށް ރާއްޖެއިންވެސް އެޑްމިޓްކުރެވި ފަރުވާދެމުންދަނީ އުމުރުން ދުވަސްވީ މީހުންނަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޕޮޒިޓިވް އެވްރެޖް އުމުރަކީ 35 އަހަރު. 80 އިންސައްތަ މީހުންނަކީ އާދައިގެ ރޯގާއެއްގެ އަންމު ހާލަތުގައި ތިބި މީހުން. މިހާރުތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވަދޭންޖެހިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް. ޚާއްސަކޮށް އެކި ބަލިތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް. އަޅުގަނޑުމެން މިކަންކަމަށް ވަރަށްބޮޑަށް ސަމާލުވެ ފަރުވާތެރިކަމާއިއެކު ކުރިއަށް އޮތް ދެހަފްތާގައި މަސައްކަތް ކުރަންޖެހޭ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ޚާއްޞަ ޕްލޭނަކާއެކު ރާއްޖެއިން ކުރިއަށްއޮތް ދެ ހަފްތާއާ ކުރިމަތިލާއިރު މާލެއާއި އަތޮޅުތަކުގައިވެސް އެ ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޓެސްޓްކިޓްތައް އިތުރުކުރުމާއި، އެނދުތައް އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި މިހާލަތާއި ދިމާކޮށް ލޮޖިސްޓިކްސްގެ ކަންކަން ފަސޭހަކަމާއިއެކު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.