ޚަބަރު

ވަޒީފާ ގެއްލޭ މީހުންނަށް ސަރުކާރުން އިނާޔަތްދޭނެ އުސޫލު ޢާންމުކޮށްފި


ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭ ޢިނާޔަތް ދިނުމުގައި ބައްލަވާނީ މާރޗް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ވަޒީފާގައި ތިބި މީހުންނަށްކަމަށް، ވަޒީފާ ގެއްލުނު މީހުންނަށް ޢިނާޔަތް ދިނުމާގުޅޭ އުސޫލުގައި ބަޔާންކޮށްފިއެވެ.

ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާއި ގުޅޭ އުސޫލުގައި ވަނީ ޢާމްދަނީއަށް އަސަރުކުރިކަމަށް ބަލާނެ ޝަރުތުތައް ބަޔާންކޮށްފައެވެ. އަދި އެމީހުންނަށް އެލަވަންސެއްގެ ގޮތުގައި ދޭނީ 5000 ރުފިޔާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ކޯވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާ ގުޅޭ ގޮތުން ޢާންމުކޮށްފައިވާ އުސޫލުގެ މަޤްޞަދަކީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމެވެ.

ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވައިފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ. އެގޮތުން ކޮންމެ މީހަކަށް 5000 ރުފިޔާގެ ޢިނާޔަތެއް ދިނުމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ، ފަސްހާސް ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއްކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. އަދި 1 މާރިޗު 2020 އާ ހަމައަށް ވަޒީފާއެއްގައި ހުރި މީހަކަށްވާން ޖެހޭކަމަށްވެސް އުސޫލުގައިވއެވެ.

މީގެއިތުރުން ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ މީހެއްކަމުގައި ވާންޖެހޭނެކަމަށާއި، ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ މީހަކަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ މީހަކަށް ވާންޖެހޭނެކަމަށްވެސް ސަރުކާރުގެ ފަރާތުން ޢިނާއަތް ދޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި އުސޫލުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދޭނެގޮތްވެސް ވަނީ ބަޔާންކޮށްފައެވެ. މި ގޮތުން މި ބައިގައިވެސް އެލަވަންސް ދޫކުރާނީ 1 މާރިޗު 2020 ގެ ފަހުން، ކޯވިޑް-19 އާ ގުޅިގެން އާމްދަނީ ލިބުން މެދުކެނޑިފައިވާ ނުވަތަ ލިބެމުންއައި އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށެވެ.

މި ގޮތުން މިބައިގައި ހިމެނެނީ މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކެވެ. އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިންވެސް އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށްވެސް އިނާޔަތުގައި ގޮތުގައި ދޭނީ 5000 ރުފިޔާއެވެ.

ކޯވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލުގައި، ދައުލަތުން އިނާޔަތްދޭނީ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތިން މަސްދުވަހަށްކަމަށް ވަނީ ބުނެފައެވެ.

ކޮންމެ މަހެއްގެ އެލަވަންސް ދޭނީ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންކަމަށްވެސް މި
އުސޫލްގައިވެއެވެ. ނަމަވެސް ތިން މަސްދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ވަޒީފާއަށް ރުޖޫޢަވާ ފަރާތްތަކަށް ނުވަތަ އެހެން ވަޒީފާއެއް ހަމަޖެހޭ ފަރާތްތަކަށް ވަޒީފާ ލިބޭ ނުވަތަ ވަޒީފާ ރުޖޫޢަވާ ހިސާބުން ފެށިގެން ދެމުން އައި އެލަވަންސް މެދުކެނޑޭނެއެވެ.

އާމްދަނިއަށް އަސަރުކުރާ މީހުން ސަރުކާރުންދޭ މި އެލަވަންސަށް އެދެން ޖެހޭނީ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އީމެއިލުން ހުށަހަޅާ ފޯމުންނެވެ. މީގެ އިތުރުން މި ފޯމާއެކު އެލަވަންސްއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ތަފްސީލްވެސް ވަނީ މި އުސޫލުގައި ބަޔާންކޮށްފައެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދަޅުވެފައިވަނީ މި އުސޫލު ޢާންމުކޮށް މިހަފްތާގެ ތެރޭގައި އިނާޔަތް ދޫކުރަން ފަށްޓަވާނެކަމަށެވެ.

މިހާތަނަށް އާމްދަނިއަށް އަސަރުކޮށްގެން ޖޮބް ސެންޓަރަށް 2291 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އުސޫލު އާއްމުކުރުމުން އިތުރު ފަރާތްތަކުން އިނާޔަތައް އެދި ހުށައަޅާނެކަމަށް ޤަބޫލުކުރެވޭކަމަށްވެސް އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.