ޚަބަރު

ދައުލަތުގައި ފައިސާ އެބަހުރި، ޕެންޝަން ފަންޑުގައި އަތްލާކަށް ހުއްދައެއް ނުދެވޭނެ - ރައީސް ނަޝީދު


ކޯވިޑް-19ގެ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ފައިސާ ދައުލަތުގައި އެބަހުރިކަމަށާ، ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ހޭދަކުރަން ޖެހޭ ޙާލަތެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށައެޅުއްވި ޕެންޝަން ފަންޑުން ފައިސާ ނެގުމާބެހޭ ބިލު މަޖިލީހުގެ އެޖެންޑާގައި ހިމެނެން ނެތްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވުމުން އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ އެޖެންޑާގައި އެ ބިލު ނުހިމެނުއްވި ސަބަބު ތަފްސީލުކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މާވަށު ދާއިރާގެ މެންބަރު ހުށައެޅުއްވި ބިލު އެޖެންޑާ ނުކުރެވުނީ، އެއީ ދައުލަތުގެ ފައިސާ އާއި ގުޅުންހުރި ބިލަކަށް ވުމާއި، މަޖިލީހުގެ ޤަވާއިދު އެކަމަށް ތަން ނުދޭތީކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ސައީދު ހުށައެޅުއްވި ބިލުގައި ކުރުމަށް ހިމަނާފައިވާ ކަންކަން ކުރުމަށް ސަރުކާރުގައި ފައިސާ އެބަހުރިކަމަށާއި، ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އައު ޤަވާއިދުގައި ބުނެފައިވާގޮތުގައި ސަރުކާރުގެ އާމްދަނީއާއި، ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، ޕެންޝަން ފަންޑުގައި ހުރި ފައިސާގެ މަޤްޞާދު ގެއްލޭގޮތެއް ހެދުމުގެ ވިސްނުމެއް ނެތްކަމަށާއި، ޤައުމެއްގެ ޕެންޝަން ފަންޑުގައި އަތްލުމަކީ ޤައުމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެކަމެއްކަމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯއެއްގެ ދަށުން ހިނގާ ސަރުކާރަކުން ޕެންޝަން ފަންޑަށް އެފަދަ ގޮތެއް ހެދުމަށް އެއްބަސްވުމަކީ އެމަނިކުފާނަށް ވަރަށް ދަތިކަމަކަށްވާނެކަމަށްވެސް ވިދާޅުވިއެވެ. އެމްއެމްއޭ މެދުވެރިކޮށް އިތުރު ފައިސާ ދައުރު ކުރެވޭނެ ގޮތްތަކެއް ދާދިފަހުން މަޖިލީހުން ހުއްދައާއެކު ހޯދިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއިން ބޭރުންވެސް ފައިސާގެ ގިނަ އެހީތަކެއް ރާއްޖެއަށް ލިބިފައިވާކަމަށެވެ.

ދައުލަތުގެ މާލީ ހާލަތަށް އަސަރުކުރާނެ ބިލެއް އެޖެންޑާ ނުކުރިނަމަވެސް ކޯވިޑް-19ގެ މިހާލަތުގައި އިދިކޮޅު ސިޔާސީ ޕާޓިތަކުގެ ބައިވެރިވުންވެސް ހިމަނާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް މި ބިލު ނުބެލެވުނީ އެއީ ފައިސާއާއި ގުޅޭ ބިލެއްކަމަށްވާތީ. އެއްވެސް ވަރަކަށް އިއްޒަތްތެރި މެންބަރުން މިހިނގަމުންދާ ކަންކަމުގައި ބައިވެރި ނުކުރުމުގެ ވިސްނުމެއްވެސް ހަމަކަށަވަރުންވެސް އަޅުގަނޑުމެންގެ ނުހުންނާނެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ވާދަވެރި ސިޔާސީ ޕާޓީތައް ބައިވެރިކޮށްގެން ނޫނިއްޔާ ރާއްޖޭގެ ދާޚިލީ ހަމަޖެހުން ހޯދަން ދަތިވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާއެކު އިގުތިޞާދަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅިގެން ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ބޭނުން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ފިނޭންސް މިނިސްޓަރވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ވިސްނުމަކީ މިހާރު ދިމާވެފައިވާ ޙާލަތުގައި ޕެންޝަން ފަންޑުގައި ނުޖެހި، އެހެން ގޮތް ގޮތުން ރައްޔިތުންނަށް ލުއިތައް ހޯދައިދިނުންކަމަށާއި، އެ ފަންޑަކީ ކިހާ މުހިއްމު ކަމަކަށް ހުރި ފައިސާއެއްކަން އެންމެން ވެސް ވިސްނަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.