ޚަބަރު

ކޯވިޑް-19 : ޞިއްޙީ ޚިދުމަތާއި ގުޅުމަށް ގޮވާލުމުން ހަތަރުސަތޭކައަށްވުރެ ގިނަ ޚިދުމަތްތެރިން އިޖާބަދިން


ސިއްޙީ ދާއިރާއަށް ކުރިން ޚިދުމަތްކުރެއްވި ބޭފުޅުންނާއި އެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާ ދަރިވަރުންގެ އެހީތެރިކަމަށް އެދި ގޮވާލުމުން 400އަށްވުރެ ގިނަ ޚިދުމަތްތެރިން އެކަމަށް އިޖާބަދީފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގިނަ ބަޔަކަށް ފަރުވާދޭންޖެހުމާއި، ފަރުވާއާ ގުޅުންހުރި އެކި ޚިދުމަތްތައް ދިނުމަށް ރާއްޖޭގައި ޙަރަކާތްތެރިވާ ޞިއްޚީ ހިދުމަތްތެރިންގެ އަދަދު މަދުކަން ފާހަގަކުރައްވައި އެ ގޮންޖެހުމުން އަރައިގަތުމަށްޓަކައި ސިއްޙީ ޚިދުމަތްތެރިން ނިކުމަށް ރައީސުލް ޖުމްހޫރިއްޔާ އާއި ހެލްތް މިނިސްޓަރވެސް ވަނީ ގޮވާލައްވާފައެވެ. މި ގޮވާލުމަށް އިޖާބަދީ 400 އަށްވުރެ ހިދުމަތްތެރިން މިވަނީ ހިދުމަތާއި ގުޅިފައެވެ. މިބޭފުޅުންގެ އިސްނެގުމަކީ މިހާލަތުގައި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ހިތުގައި އޮތް ލޯތްބާއި ކުލުނު ވަރަށްބޮޑަށް ރަމްޒު ކޮށްދޭ ކަމެއްކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރާ ދިވެހިން މަދުކަމީ އެކަމުގެ އިހުސާސް މިއަދު ނުހަނުބޮޑަށް ކުރާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންމެ ޙިދުމަތްތެރިއެއްވެސް މިވަގުތު ހިދުމަތް ދިނުމުގެ ޝައުގުވެރިކަމާއި ލޯބި އޮތީ އެމީހެއްގެ ވަތަނާއި ފަސްގަނޑަށްކަން މިހާތަނަށްވެސް އެގިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދު މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ސިއްޙީ މިފަދަ ބޮޑު ހާދިސާއެއް ކުރިމަތިވުމުން ދިވެހި ޞިއްޚީ ހިދުމަތްތެރިން ބޭނުންވާ މިންވަރު ވަރަށްބޮޑަށް އިޚްސާސްކުރެވޭކަމަށެވެ.

"މިއަދު ދިވެހި ޚިދުމަތްތެރިން ބޭނުންވާ މިންވަރު އެބަހާމަވޭ. ދިވެހިންނަށް ދިވެހިން ޚިދުމަތް ކުރުމުން ލިބޭ ކުރިއެރުމާއި އޯގާތެރިކަމާއި، ބަލިމީހުންނަށް ދެވޭ ހިދުމަތްވެސް ތަފާތުވޭ. ރާއްޖޭގެ ޞިއްޙީ ނިޒާމު ފުރިހަމަ ކުރުމަށްޓަކައިވެސް މިއީ ވަރަށް މުހިންމުކަމެއް. މިފަދަ ބޮޑުކަމެއް ކުރިމަތިވުމުން ދިވެހިން ހިދުމަތުގައިދެމިތިބުމުގެ މުހިންމުކަން އިހުނަށްވުރެބޮޑަށް އިހްސާސްކުރެވޭ. ކޮންމެ މީހަކުވެސް ގައުމުގައި ތިބެގެން ހިދުމަތްކުރުމަށް ބޭނުންވޭ. މިއަދު ގިނައީ ބޭރުގެ ޚިދުމަތްތެރިން. ކުރިއަށް އޮތްތަނުގައި އިތުރު ދިވެހިން މިދާއިރާއަށް ޝައުގުވެރިކަން އުފައްދައި ނިކުތުމަކީ ސަރުކާރުގެ އަމާޒަކަށްވާނެ" ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތްތެރިންނަކީ އެބޭފުޅުންގެ ފުރާނަ އަތްމައްޗަށް ލައިގެން މުޅި ރައްޔިތުންގެ ސަލާމަތަށް މަސައްކަތް ކުރައްވަމުންދާ ބަޔަކަށްވާއިރު، އެބޭފުޅުުންގެ މަސައްކަތަށް އަބަދުވެސް ހިތްވަރު ދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޯވިޑް-19-އާއި ގުޅިގެން ދުނިޔެ މިއަދު ކުރިމަތިލާފައިވާ ދުވަސްތަކަކީ ފާއިތުވެދިޔަ 100 އަހަރުގެ ތެރޭގައިވެސް ދުނިޔެ ދެކެފައިނުވާ ގޮންޖެހުންބޮޑު ހިތްދަތި ދުވަސްތަކެއްކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖެ އުފެދިފައިވާގޮތުން ޚިދުމަތް ހޯދުމަށް އެއްރަށުން އަނެއް ރަށަށް ދާންޖެހުމަކީ ޒަމާނުއްސުރެ ނިޒާމުތައް ބައްޓަންވެފައިވާ ގޮތްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިއާއިއެކު ފަރުވާ ހޯދުމާއި، ގަދަވަޔާއި ވިއްސާރާގައި، ކަނޑު ކިތަންމެ ގަދަ ދުވަހެއްގައިވެސް ބަލި މީހުންނަށް ޚިދުމަތް ދިނުމުގައި ސިއްޙީ ޚިދުމަތްތެރިން ފަހަތަށް ނުޖެހި ތިބޭ ކަމީ ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.

"ޞިއްޚީ ދާއިރާގެ ހިތަކީ ނަރުހުންނޭ ބުނުމަކުން ބޭއިންސާފަކަށް ނުވާނެ. ނަރުހުންނަކީ ޞިއްޚީ މަސައްކަތުގެ އެންމެ ކުރީސަފުގައި، ކޮންމެ ދުވަހަކު އެތައް އުދަގޫތަކާއިއެކުވެސް ހިދުމަތްދޭބައެއް. ކޮންމެ ދުވަހަކީ އިންސާނިއްޔަތަށް އާދަޔާއި ހިލާފް މަސައްކަތެއް ކުރެވޭ ދުވަހެއް. ކޯވިޑް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކަރަންޓީންގައާއި އައިސޮލޭޝަންގައި ތިބި މީހުންނަށް އެންމެ އޯގާތެރިކަމާއިއެކު އެންމެ ގާތުން ހިދުމަތް ދެމުންދަނީ ނަރުހުން. މިކަންތައްތަކަކީ ދުވަހަކުވެސް ހަނދާނުން ފޮވެހެލެވޭނެ މަސައްކަތެއްނޫން. މިހިދުމަތަކީ އޮންލައިންކޮށް ދެވޭނެ ހިދުމަތެއްނޫން. ނަރުހުންނަށްޓަކައި އަބަދުވެސް ފަހުރުވެރިވަން. މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އޮތްގޮތާއި، ޚިދުމަތްތެރިންނަށް އޮތް ނުރައްކާ އެނގިތިބެ ޤައުމާއި، ރައްޔިތުންގެ ޙައްގުގައި ސާބިތުކަމާއިއެކު ޞިއްޙީ ޚިދުމަތްތެރިން ކުރައްވާ މަސައްކަތަކީ މިފަސްގަނޑުގައި ތާއަބަދަށް ފެންނާނޭ ހަދާންތަކެއްކަމުގައި މިނސިްޓަރ ވިދާޅުވިއެވެ. އަދި މިއަދު އެބޭފުޅުންގެ ޚިދުމަތުގައި ކޮންމެ މީހަކަށްވެސް ކޮއްދެވެން އޮތް ކަމެއް ކޮށްދީ ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށް ދިނުމަކީ އެބޭފުޅުންގެ މަސައްކަތަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްވަރެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.