ޚަބަރު

ޕޮޒިޓިވް ބީދޭސީން ތަކެއް ނުފެނިގެން ހޯދަނީ


ކޯވިޑް ޕޮޒިޓިވްވެފައިވާ ބިދޭސީން ތަކެއް ނުފެނިގެން ހޯދަމުން އަންނަކަމަށް ނޭޝަނަލް އެމަރޖެންސީ ސެންޓަރުން ހާމަކޮށްފިއެވެ.

ކޯވިޑް އާއި ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން ނޭޝަނަލް އެމަޖެންސީ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހޯދަމުން އަންނަނީ ކޯވިޑް އަށް ޕޮޒިޓިވްވެފައިވާ ތިން ބިދޭސީއެއްކަމަށެވެ. މަބްރުކް ވިދާޅުވީ މި ތިން މީހުންގެ މައުލޫމާތުތައް އެޗްޕީއޭގައި އެބަހުރިކަމަށާއި އެހެންނަމަވެސް އެމީހުން ދީފައިވާ ތަންތަނުގައި އެމީހުން މިވަގުތު ނޫޅޭކަމަށެވެ. އެހެންނަމަވެސް މީ ކޮން ޤައުމަކަށް ނިސްބަތްވާ ބައެއްކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ.

މަބްރޫކް ވިދާޅުވީ މީމީހުން ނެތްކަން އެނގުނީ މިމަހުގެ 6 ނުވަތަ 7 ގައިކަމަށެވެ. އަދި މީމީހުން ނެތްކަން ފާހަގަވީ އެމީހުން ޕޮޒިޓިވްވުމުން އައިސޮލޭޝަނަށް ގެންދަންވެގެން ބެލިބެލުމުންކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޯވިޑް- 19 އަށް ޓެސްޓްކުރުމަށް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިގޮތުން ކޮންޓެއިންމަންޓް ސައިޓްތަކާއި ރެންޑަމް ސާމްޕަލްތައްވެސް ނަގަމުން އަންނަކަމަށެވެ.

ސާމްޕަލްތައް ނަގާ ފަރާތްތަކުގެ ސާމްޕަލްތައް ނެގުމަށްފަހު އެފަރާތްތަކުގެ މައުލޫމާތުތައް ނަގަމުން އަންނަކަމަށާއި މިގޮތުން އެމީހެއްގެ ނަމާއި ގުޅޭނެ ނަމްބަރާއި އުޅޭ ތަނެއްގެ މައުލޫމާތު އެއްކުރަމުން އަންނަކަމަށެވެ.

މަބްރޫކް ވިދާޅުވީ މިގޮތަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވި 7 މީހަކަށް ގުޅޭނެ ގޮތެއް ނެތިގެން އެ މީހުން ހޯދާދިނުމަށް ފުލުހުނަށް އެޗްޕީއޭއިން ހުށައަޅާފައިވާކަމަށެވެ. މީގެތެރެއިން 4 މީހުންނަކީ ކޮންޓެންމަންޓް ސައިޓްތަކުގައި އުޅުނު މީހުންކަމަށާއި އަނެއް ތިން މީހުންނަކީ އެހެން ތަފާތު އެޑްރެސްތަކުގައި އުޅެމުން ދިޔަ މީހުންކަމަށެވެ.

މީގެތެރެއިން 4 މީހަކު ފުލުހުން ހޯދާފައިވާކަމަށާއި އަނެއް 3 މީހުން އަދިވެސް ފެނިފައިނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހުން ނުފެނިއްޖެނަމަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން އެމީހުންގެ ޒާތީ މައުލޫމާތު ހާމަކުރާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.