ޚަބަރު

ކޯވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެމްއެޗްއޭގެ ވެރިޔާ ޙުސައިން ޢަބްދުﷲ އަވަހާރަވެއްޖެ


ކޯވިޑް-19އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މަޝްހޫރު ވިޔަފާރިކުންފުނި އެމްއެޗްއޭގެ ވެރިޔާ، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތްތެރިޔާ (ނ.ކ.ޝ.ޢ) ޙުސައިން ޢަބްދުﷲ އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭ 11:15ހާއިރުއެވެ. އޭނާ އަވަހާރަވެފައިވަނީ އުމުރުން 88 އަހަރުފުޅުގައެވެ. ޙުސައިން ޢަބްދުﷲގެ އަނބިކަނބަލުން އައިމިނަތު އާދަމް ވެސް ވަނީ ކޯވިޑް-19ގައި އަވަހާރަވެފައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައިވަނީ ދިވެހި 2 ފިރިހެނުންނާއި، ދިވެހި އަންހެނެއްގެ އިތުރުން ބަނގްލަދޭޝްގެ ފިރިހެނެކެވެ.

ރާއްޖޭގައި މިހާތަނަށް 955 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މީގެތެރެއިން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ހާލު ސީރިއަސް ނުވަތަ އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންނަށެވެ.