ޚަބަރު

ކޯވިޑް-19 : މިއީ ވަރުގަދަ އިމްތިހާނެއް، ކެތްތެރިކަން އިސްކުރުން މުހިންމު


ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހިތްދަތި ޙާލަތުގައި އަޅުގަނޑުމެންނަށް ތަޖްރިބާކުރެވިފައި ނުވާ އެތައްކަމެއް މިދަނީ ތަޖުރިބާ ކުރެވެމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު މި ބަލީގެ ހިތްދަތިކަން ތަޙައްމަލުކުރަމުންދާއިރު، މިކަމުން އަރައިގަނެވޭނީ ކޮން ދުވަހަކުންތޯ އަޅުގަނޑުމެން މިދަނީ ސުވާލުކުރަމުންނެވެ. މާތް ﷲގެ ހެޔޮ ރަޙްމަތުން އަޅުގަނޑުމެންނަށް މިކަމުން ތަސައްލީއެއް ލިބޭނެ ވަގުތެއްގެ އިންތިޒާރުގައި ތިބި، މި ނާޒުކު ދަނޑިވަޅުގައި ކެތްތެރިކަމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގަން މިއަދު މިވަނީ ޖެހިފައެވެ.

މިކަމާ ގުޅިގެން ފުރަބަންދުގެ ޙާލަތެއްގައި، އަޅުގަނޑުމެން ދުވަސްތައް ހޭދަކުރަމުން މިދަނީ، ކާބޯ ތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެހާ ގިނަ ބަޔަކަށް އެއްފަހަރާ ތަކެތި ފޯރުކޮށްދިނުމުގައި ނިޒާމުގައި ދަތިތަކެއް ހުރިކަން އަޅުގަނޑުމެންގެ ތެރޭން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ބޭނުންހާ އެއްޗެއް ބޭނުންހާ ވަގުތެއްގައި ނުލިބޭނެ ކަންވެސް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ކުރިއަށް އޮތީވެސް ބަނަ ދުވަސްތަކެއްކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރާނެއެވެ.

މިއީ އެހެން ރޯދަ މަސްމަހާ ޚިލާފަށް ރޯދަމަހުގެ ކަންކަން ހަމަޖެއްސުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެކެވެ. މިރޯދަމަހު، ރޯދަ ވީއްލައިގެން ކާން ބޭނުންވާ މީރުހާ ތަކެތި ތައްޔާރުކުރުމުގެ ފުރުޞަތު ނެތްކަމުގައި ޤަބޫލުކޮށް، ރޯދައިން ދަސްކޮށްދޭ ކެތްތެރިކަމުގެ މަތިވެރި ފިލާވަޅުން އަޅުގަނޑުމެން ދަރުސް ލިބިގަތުމަކީ މުހިއްމު ކަމެކެވެ. ކެތްތެރިކަން އިސްކޮށް، މަދު އެތިކޮޅަކުން ފުއްދާލެވޭނެ މަގަކުން އަޅުގަނޑުމެން ހިނގާންޖެހެއެވެ. ގެއަށް ބޭނުންވާ ތަކެތި ވަގުތުން ވަގުތަށް ނުލިބުނު ކަމުގައި ވިޔަސް އެކަމަށް ޝުކުރުކޮށް، ކެތްތެރިކަން އިސްކުރުމަކީ އެހާމެ ބޭނުންތެރިކަމެކެވެ.

މި ހިތްދަތި ވަގުތުގައި ހިތްދަތިކަމުގެ މައްޗަށް ހިތްދަތިކަން މެދުވެރިވާ ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނާ މިދަނީ ކުރިމަތިވަމުންނެވެ. އެތައް ބަޔެއްގެ ވަޒީފާ ގެއްލިއްޖެއެވެ. އެތައް ބައެއްގެ މުސާރަ ކުޑަވެއްޖެއެވެ. ދަތުރުފަތުރު ކުރުމަށް ދަތިވެއްޖެއެވެ. ލޯބިވާ ދަރިންނާއި، ޢާއިލާއާއި އެއްބަނޑު އެއްބަފާ މީހުންގެ ގާތަށް ދިއުމުގެ ފުރުޞަތު ހަނިވެއްޖެއެވެ. މިއިން ކޮންމެ ކަމަކީ އިންސާނެއްގެ ޙައިސިއްޔަތުން އެތައް ކެކުޅުމެއް އިޙްސާސްކުރެވޭނެ ކަމެކެވެ. ނާއުއްމީދުވުމާއި ބިރާސްކަން ވެރިވާނެ ކަމެކެވެ.
ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ ލޯބިވާ އާއިލާގެ ބޭނުންތަކާއި މުހްތާދުތައް ފުއްދޭނެ ގޮތެއްނެތް ކޮންމެ ހިނދެއްގައި، ތިމާގެ ޙަޔާތަށް ބަނަކަން ފޯރާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ނަމަވެސް މި އަނދިރިކަމުން އަރައިގަތުމުގައި ވަގުތު ހޭދަވާނެއެވެ. މުސީބާތުގެ މިފަދަ ވަގުތެއްގައި ކެތްތެރިވުމަކީ ދަތި އުނދަގޫ ކަމެކެވެ. އެހެންނަމަވެސް، ހެޔޮ ނިޔަތަކާއެކު ވިސްނާލައިފިނަމަ، ކޮންމެ އިންސާނަކީވެސް ދުނިޔޭގެ ދަންފަޅި ހަމަކުރަމުންދާއިރު، މުޞީބާތްތަކާ ކުރިމަތިވާނޭ މީހެއްކަން ޤަބޫލުކުރެވޭނެއެވެ. އެކި މީހުންނަށް މުޞީބާތް ކުރިމަތި ވާނީ އެކި މިންވަރަށެވެ. އިސްލާމް ދީނުގެ މަދްރަސާއިން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ފިލާވަޅަކީ، ކޮންމެ މުޞީބާތަކީ، ކޮންމެ ތަކްލީފަކީ އިމްތިޙާނެއްކަމެވެ.