ޚަބަރު

ކޯވިޑް-19 : މަނަދޫން އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ


ނ.މަނަދޫން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މަނަދޫން މިއަދު ކޯވިޑަށް ޕޮޒިޓިވްވި 9 މީހުންނަކީ މި މަހުގެ ފުރަތަމަ ދުވަހު އެރަށުން ޕޮޒިޓިވްވި އަންހެންމީހާއާ ކޮންޓެކްޓްވި މީހުންނެވެ. މަނަދޫއިން އިތުރު ކޭސްތަކެއް ޕޮޒިޓިވްވެފައިވައިރު އެރަށްވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށުން ޕޮޒިޓިވެފައިވަނީ ހޯމް އައިސޮލޭޝަންގައި ތިބިބައެކެވެ. ޕޮޒިޓިވްވި މީހުން އިރުފުށި ކަރަންޓީން ފެސިލިޓީސްއަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރުދަނީ ކުރަމުންނެވެ.

މަނަދޫން ފުރަތަމަ އެ ބައްޔަށް ޕޮޒިޓިވްވީ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، ހާލު ބޮޑުވެގެން މާލެ ގެނައި އަންހެނެކެވެ. އޭނާގެ ދެވަނަ ޓެސްޓް ކޯވިޑަށް ނެގެޓިވްވުމުން ހެދި ތިން ވަނަ ޓެސްޓުންވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

މަނަދޫން ފުރަތަމަ އެ ބައްޔަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން ވަނީ 15 ސިއްހީ އެހީތެރިއަކު އައިސޮލޭޓްކޮށްފައެވެ. އެޗްޕީއޭއިންދަނީ އެރަށުގައި ބައްޔަށް ޕޮޒިޓިވްވި މީހުންނާއި ދިމާވި މީހުން ދެނެގަނެ އެމީހުގެ ސާމްޕަލްތައް ނެގުގުމުގެ މަސައްކަތް ކުރަމުންނެވެ.