ޚަބަރު

ކޯވިޑް-19 : ކޯވިޑްއާ ގުޅިގެން ދައުލަތުން ކުރާ ޚަރަދުތައް އޮޑިޓްކުރަން ހުށައަޅައިފި


ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިހާލަތުގައި ދައުލަތުން ކުރަމުންދާ ޚަރަދާއި، ދަރަންޏާއި މާލީ އެހީގެ ގޮތުގައި ލިބޭ ފައިސާ ޚަރަދުކުރާ ގޮތުގެ ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ހުށައަޅުއްވައިފިއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އީޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކުން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ފޯރާ ގެއްލުންކުޑަކުރުމަށް ސަރުކާރުން ވަނީ އިޤްތީޞާދީ ޕެކޭޖްތަކެއް ތަޢާރަފްކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ދައުލަތުން ކުރަމުންދާ ޚަރަދުތަކާއި، އެހީގެ ގޮތުގައި ލިބެމުންދާ ޚަރަދުތައް ކުރަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އެއްގޮތަށްތޯ ބެލުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ހުށައެޅުއްވި ހުށައެޅުން މަޖިލީހުގެ ކޮމިޓީތަކުން އަންނަނީ ދިރާސާކުރަމުންނެވެ. އަދި އެ ކޮމިޓީއެއްގެ ދާއިރާއިން ކަމާގުޅުންހުރި އިދާރާތަކުންނާއި މުއައްސަސާތަކުން މަޢުލޫމާތުއެއްކޮށް ސަރުކާރަށް ހުށައަޅަންޖެހޭ ކަންކަން ރިޕޯޓްގައި ހިމަނާ މަޖިލީހުން ވަނީ ބައެއް ރިޕޯޓްތައް ފާސްކުރައްވާފައެވެ.

މިގޮތުން ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރާއި އަދި މި ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވަނީ އިޞްލާހެއް ހުށައަޅުއްވާފައެވެ.

އީވާ ހުށައެޅުއްވި އިޞްލާހުގައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ދައުލަތުން ކުރާ ޚަރަދުތަކާއި، އެހީގެ ގޮތުގައި ލިބޭ ފައިސާއާއި ދައުލަތުގެ ދަރަނީގެ ފައިނޭންޝަލް އޮޑިޓެއް ކޮންމެ ކުއާޓާއެއްގައި ހެދުމަށެވެ. އީވާގެ ހުށައެޅުމުގައި ވަނީ ބަލިމަޑުކަމުގެ މިފަދަ ދަނޑިވަޅެއްގައި ޚާއްޞަ އަހަމިއްޔަތެއް ދީގެން އޮޑިޓެއް ކުރުމަކީ ބައިނަލްއަޤްވާމީ އޮޑިޓް ނިޒާމުގައި ބާރުއަޅާކަމެއްކަމަށާއި، ދައުލަތުގެ މާލިއްޔަތާއި މިލްކިއްޔާތާއި ދަރަނި އޮޑިޓްކުރުމަކީ ޤާނޫނު އަސާސީއާއި އޮޑިޓަރ ޖެނެރަލްގެ ޤާނޫނުން އޮޑިޓަރ ޖެނެރަލަށް ލާޒިމްކޮށްފައިވާކަމެއްކަމަށެވެ.

ކޯވީޑް-19ހެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް މަޖިލީހުގެ 12 ކޮމިޓީއަކަށް ދިރާސާކުރުމަށް ހުށައަޅާފައިވެއެވެ. އަދި މި ކޮމިޓީތަކުން ސަރުކާރަށް ހުށައެޅުމަށް 300 އަށްވުރެ ގިނަ ހުށައެޅުން ރިޕޯޓްތަކުގައި ހިމަނާފައިވާއިރު، އެ ހުށައެޅުންތަަކަށް ސަރުކާރުން ރިޢާއަތްކުރާކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.