ޚަބަރު

ކައުންސިލްތަކުގެ ދައުރު ދިގުކުރަން ޤާނޫނު އަސާސީއަށް ހުށައެޅި އިޞްލާޙު އެޖެންޑާކޮށްފި


މިހާރުތިބި ކައުންސިލްތަކުިގެ މެންބަރުންގެ ދައުރު ދިގުކުރުމަށް ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިޞްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން އެޖެންޑާކޮށްފިއެވެ. ކޯވިޑް19 ފެތުރެމުންދާތީ އިޢުލާންކޯށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައަޅާފައިވާ އިޞްޅާހު އެޖެންޑާކޮށްފައިމިވަނީ، މި ދަނޑިވަޅުގައި ޤާނޫނު އަސާސީއަށް އިޞްލަޙު ނުގެނެވޭނެކަމަށް މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވެފައިވަނިކޮށެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ ކައުންސިލް މެންބަރުންގެ ދައުރު ދިގުކުރުމަށް ބިލެއްވެސް ހުށައަލާފައެެވެ.

ނަމަވެސް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވެފައިވަނީ މިހާރު އިންތިޚާބުވެފައިވާ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މެންބަރުކަމުގެ ދައުރު އިތުރުކުރެވޭނީ، ޤާނޫނުއަސާސީއަށް އިޞްލާހު ގެނެސްގެންކަމަށެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާޙުގައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި އަތޮޅުކައުންސިލްތަކާއި، ރަށުކައުންސިލްތަކާއި، ސިޓީކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަްާމުގައި ދެމިތިބޭނެކަމަށެވެ.

ޤާނޫނު އަސާސީއަށް ހުށައެޅި މި އިޞްލާޙު އެޖެންޑާކޮށްފައިވަނީ ހޯމަ ދުވަހުގެ ޖަލްސާއަށެވެ. މިހާރު ތިބި ކައުންސިލްތަކުގެމެންބަރުންގެ ދައުރު ޖޫން މަހުގެ 03 ވަނަ ދުވަހަށް ހަމަވާނެއެވެ.

ކުރިންކައުންސިލްތަކުގެ ދައުރަކީ 3 އަހަރު ދުވަހެވެ. ނަމަވެސް މިހާރު ކައުންސިލްތަކުގެ ދައުރު ވަނީ ފަސް އަހަރަށް އިތުރުކޮށް ޤާނޫނު އަސާސީ އިޞްލާޙުކޮށްފައެވެ. މާލީ ބޮޑެތި ބާރުތަކާއިއެކު ފަސް އަހަރުދުވަހަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ޤާނޫނު އަސާސީ މީގެ ކުރިން މި މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް ލާމަރުކަޒީ ޤާނޫނުވެސް ވަނީ އިޞްލާޙުކޮށްފައެވެ.