ޚަބަރު

ކޯވިޑް-19 : ގޭބީސީތަކުގައި ތިބި ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަން ފަށައިފި، އެއް ސާމްޕަލް ޕޮޒިޓިވް


އެކިއެކި ގޭބިސީތަކުގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލްތަކެއް ނަގަން ފަށާފައިވާކަމަށާ، އޭގެތެރެއިން އެއް ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.ނަޒްލާ ރަފީޤް ވިދަޅުވީ، މާލެ ސަރަޙައްދުގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންނަށާއި، އެމީހުން އެންމެ ގާތުން ބަލަހައްޓާ މީހުންނަށާއި، ޢުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ގޭގެއިން ޒަރޫރީ އެކިކަންކަމުގައި ބޭރަށްދާ މީހުންގެ ސާމްޕަލް ނަގަން ފަށާފައިވާކަމަށެވެ.

މިގޮތުން ސާމްޕަލްތައް ނަގަން ފެށުމުން، ޢުމުރުން ދުވަސްވީ މީހުންނަކީ ގެއިން ބޭރަށް ދާ ބައެއް ނޫންކަމަށް އެފަރާތްތަކުން ބުނަމުންދާކަމަށާއި، ނަމަވެސް އެމީހުންނަށް އަމާޒުކޮށް ސާމްޕަލް ނަގަނީ ގޭގައި ތިބޭ ޢުމުރުން ދުވަސްވީމީހުންނަށް ބަލިޖެހޭ މިންވަރު ރާއްޖޭގައިއޮތް މިންވަރު ކަށަވަރުކުރުމަށްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑޮކްޓަރ ވިދަޅުވީ، ޢުމުރުން ފަސްދޮޅަސް އަހަރުން މަތީގެ ގިނަމީހުންނަކީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ދިގުމުއްދަތަކަށް ފަރުވާހޯދާ ބަލިތައް ތަހަމައްމަލުކުރަމުންދާ ބައެއްކަމަށެވެ. އެހެންކަމުން އެމީހުންނަކީ ބަލި ޖެހުމުން އެންމެ ނުރައްކާބޮޑު ބައެއްކަމަށް ފާހަގަކުރެވިފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ޑޮކްޓަރ ވިދާޅުވީ، ފާއިތުވި ތިން ދުވަހު ގޭގައިތިބޭ ޢުމުރުން ދުވަސްވީ މީހުންގެ ފަރާތުން ނެގި ސާމްޕަލްތައް ނެގެޓިވްވެފައިވާކަމަށާ، ނަމަވެސް މިއަދު މިގޮތަށް ނެގި ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގާތީ ސުވާލުކުރޭ ކީއްވެތޯ ސާމްޕަލް ނަގަނީ. ބޭރަށް ނުދާވާހަކަ. ރާއްޖޭގައި މި އުމުރުފުރާގެ ގިނަ މީހުންނަކީ ދިގުމުދަތަކަށް ފަރުވާ ހޯދާ ބަލިމީހުން. ބަލިޖެހިއްޖާ ނުރައްކާ ބޮޑު ފަރާތްތަކެއް. ބޭރަށް ނުނިކުތަސް އެގޭގެ އެކަކު ބޭރަށް ނިކުތަސް ހަމަ އެމީހުންނަށް ބަލިޖެހުމުގެ ފުރުސަތު އެބައޮވޭ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑޮކްޓަރ ނޒްލާ ވިދާޅުވީ، ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަމުންދަނީ އެފަދަ މީހުންނަށް ބަލި ޖެހިއްޖެނަމަ ވީހާވެސް އަވަހަށް އެ ބަލިޖެހިފައިވާކަން ދެނެގަތުމަށްކަމަށެވެ. އެހެންކަމުން ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އެއްބާރުލުން ދިނުމަށްވެސް ޑޮކްޓަރ ވަނީ އެދިވަޑައިގެންފައެވެ.