ޚަބަރު

ކޯވިޑް-19 : އެއް މަސްނުވާ ތުއްތުކުއްޖަކު ޕޮޒިޓިވްވެއްޖެ


ރާއްޖޭގައި އެއްމަސް ނުވާ ތުއްތުކުއްޖަކު ކޯވީޑް-19އަށް ޕޮޒިޓިވްވިއްޖެއެވެ. ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، އެއް މަސް ނުވާ ތުއްތު ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ބަލި ޖެހިފައިވާކަން ނޭނގި އެކުއްޖާއާއި ބައްދަލުވިމީހެއްގެ ފަރާތުންކަމަށް ބެލެވޭކަމަށެވެ. އެމީހާ ޕޮޒިޓިްވީ އެކުއްޖާއާއި ބައްދަލުވި ފަހުންކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

"އެކުއްޖާ އަޅުގަނޑުމެން ޓެސްޓްކުރީ ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި. އިންޑައިރެކްޓް ކޮންޓެކްޓެއް އެއީ. އެމީހާ ހުރީ މިކުއްޖާއާ ކޮންޓެކްޓްވެފަ. ކުއްޖާގެ ކޮންމެވެސްވަރަކަށް ޢަލާމާތްތައް ފެނުމާއެކު އަޅުގަނޑުމެން ޓެސްޓްކުރީ. ޓެސްޓްކުރީ ފުރަތަމަ އެކުއްޖާއެކަނި. މިހާރު އެކުއްޖާގެ މަންމަ ތެސްޓުކުރުމުގެ ކަންކަންވެސް ކުރިއަށް އެބަދޭ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ދައްކުވައިދޭ އެޗްޕީއޭގެ ޑޭޝް ބޯޑުގައިވާގޮތުން ޕޮޒިޓިވްވެފައިވާ އެއްމަސް ނުވާ ކުއްޖާ ރެކޯޑުކުރެވިފައިވަނީ 1041 ކޭސް ނަންބަރުގެ ގޮތުގައެވެ. އެކުއްޖާ ޕޮޒިޓިވްވެފައިވާކަމަށް ޑޭޝްބޯޑުން ދައްކަނީ އިއްޔެއެވެ.

މީގެ ކުރިން ހަތް މަހުގެ ތުއްތުކުއްޖަކަށްވެސް ކޯވިޑް-19 ޖެހިފައިވެއެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވި މާބަނޑު އަންހެނަކު ދާދިފަހުން ވިިހާފައިވާއިރު، އޭނާ ވިހެއި ކުއްޖާގެ ސާމްޕަލް ނެގެޓިވްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.