ޚަބަރު

ކޯވިޑް-19 : މިމަހުގެ މިހާތަނަށް 626 ކޭސް، އެންމެ މަދުން ޕޮޒިޓިވްވީ މިމަހުގެ 3 ވަނަ ދުވަހު


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިިތުރުވަމުންދިޔަ ނަމަވެސް ފާއިތުވި 2 ހެފްތާގެ ތެރޭގައި އެންމެ މަދުން މީހުން ޕޮޒިޓިވި ދުވަހަށް އިއްޔެ ވެއްޖެއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1090 އަށްވުގެ މައްޗަށް އަރާފައިވާއިރު، މިމަމަހަކީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވާ މަހެވެ. މިމަހުގެ ބާކީ އަދި 13 ދުވަސް އޮތްއިރު މިމަހުގެ މިހާތަނަށް (17 މޭ 2020) އާ ހަމައަށް ވަނީ 626 ކޭސް ފެނިފައެވެ. މީގެ ތެރެއިން 243 މީހުންނަކީ ދިވެހިންނެވެ. އަދި 383 މީހުންނަކީ ބިދޭސީންނެވެ.

މާޗް މަހުން ފެށިގެން މިމަހުގެ މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު:

  • - މާރޗް - 18 މީހުން، މީގެ ތެރޭގައި ހިމެނެނީ 15 ބިދޭސީންނާއި، 3 ދިވެހިން
  • - އޭޕްރީލް - 450 މީހުން، މީގެ ތެރޭގައި ހިމެނެނީ 308 ބިދޭސީންނާއި، 142 ދިވެހިން
  • - މޭ 17 އާއި ހަމައަށް - 626 މީހުން، މީގެ ތެރޭގައި ހިމެނެނީ 383 ބިދޭސީންނާއި، 243 ދިވެހިން


މާރޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފާއިތުވެދިޔަ 78 ދުވަހުގެ ތެރޭގައި ރާއްޖެއިން ވަނީ 1،094 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 388 ދިވެހިންނާއި، 706 ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް މި ބަލިޖެހުނު 59 މީހަކު ރަނގަޅު ވެފައިވާއިރު، 4 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

މިއީ ރާއްޖޭގައި ކޯވިޑްގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާނެ މަސްކަމަށް ޞިއްޚީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އަދި މި ހަފްތާއާއި ކުރިއަތް އޮތް ހަފްތާއަކީ ރާއްޖެއަށް ކޯވިޑްގެ އެންމެ ނުރައްކާތެރި 2 ހަފްތާކަމަށްވެސް ޞިއްޚީ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. މިމަހުގެ މިހާތަނަށް 626 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިމަހުގެ މިހާތަނަށް އެންމެ މަދުން މީހުން ޕޮޒިޓިވްވެފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހު ޕޮޒިޓިވް ވެފައިވަނީ 7 މީހެކެވެ.

ފާއިތުވެދިޔަ 2 ހަފްތާގެ ތަފާސް ހިސާބުތަކަށްބަލާއިރު އެންމެ މަދުން ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 11 މީހުންނެވެ. މިމަހުގެ މިހާތަނަށް ރާއްޖެއިން ކޯވިޑަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހު 69 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު 179 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީހުން ޕޮޒިޓިވްވާ އަދަދަށް ބަލާއިރު މިމަހުގެ ކޮންމެ ދުވަހަކު އެވްރެޖުކޮށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ވިއްސައްވުރެ މަތީގައެވެ.

ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ހަރުކަށި ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިފިޔަވަޅުތަކަށް ރައްޔިތުންގެ އިޖާބަ ލިބޭކަން މިހާރު ފެންނަމުންދާ މަންޒަރުތަކުން ހާމަވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުން މިކަމުގައި ފަރުވާކުޑަނުކޮށް ޞިއްޚީ ބޭފުޅުންގެ އިރުޝާދުތަކާއިއެކު އަމަލުތައް ބެހެއްޓުމަށް އެބޭފުޅުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ.