ޚަބަރު

ކޯވިޑް-19 : އައިޖީއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ މީހުން ވޯޑަށް ބަދަލުކޮށްފި


ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އެންމެންގެ ހާލު ރަނގަޅުވެ ވޯޑަށް ބަދަލުކޮށްފައިވާކަމުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ހާލަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް-19 ޖެހިގެން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައިކަމަށެވެ. އަދި އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އެންމެންގެ ހާލުވެސް ރަނގަޅުވުމާ ގުޅިގެން އެ އެންމެންނަށްވެސް މިހާރު ފަރުވާދެމުންދަނީ ވޯޑަށް ބަދަލުކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިވަގުު އިރާދަކުރެއްވިޔާ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ މީހުންގެ ހާލު ރަނގަޅު. އެންމެވެސް މިހާރުވަނީ ވޯޑަށް ބަދަލުކުރެވިފަ. ބަލީގައި ފަރުވާދެމުންދާ މީހުންނަށް ވަރަށް ކައިރިން ދަނީ ފަރުވާދެމުން. މިއީ މިމަސައްކަތުގައި ހަރަކާތްތެރިވާ އެންމެމްނަށް ލިބޭ ވަރަށްބޮޑު ހިންހަމަޖެހުމެއް" ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 10 މީހަކަށެވެ. އޭގެ ތެރޭގައި ގިނައީ ތަފާތުއެކި ބަލިތަކުގައި މީގެކުރިންވެސް ފަރުވާ ހޯދަމުންދިޔަ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެ ހާލަތު ގޯސްވާ މީހުންނަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗާއި، ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. މި ދެ ހޮސްޕިޓަލުގައިވެސް ފަރުވާދޭ މީހުންގެ ހާލަތު ރަނގަޅުކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ގިނައީ 20 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ. ބަލިޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން ގިނަމީހުންނަކީ އާދައިގެ ރޯގާގެ އަލާމާތްތައް ހުރި މީހުންނަށް ވުމުން މިމީހުންގެ ޞިއްޚީ ހާލަތު ރަނގަޅުކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވި 1094 މީހުންގެ ތެރެއިން 388 މީހުންނަކީ ދިވެހިންނެވެ.