ކޯވިޑް-19

އޭދަފުށީގައި ތައްޔާރުކުރާ ކޮވިޑް މަރުކަޒުން މިމަހު ހިދުމަތް ދެނީ


ކޯވިޑް-19އާގުޅިގެން، ފަރުވާދިނުމަށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ޚާއްޞަ ކޮށްގެން ބ.އޭދަފުށީގައި ތައްޔާރުކުރާ މަރުކަޒުން މިމަހު ޚިދުމަތްދޭން ފެށޭނެކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ޒޯން ބީގައި ޤާއިމުކުރާ މި މަރުކަޒު ޚާއްޞަ ކޮށްފައިވަނީ ނ އަތޮޅާއި ރ އަތޮޅާއި ބ އަތޮޅާއި ޅ އަތޮޅަށެވެ.

މިހަތަރު އަތޮޅަށް ކަނޑައަޅާފައިވާ ކްލިނިކަލް މެނޭޖަރ ޑރ ސާލިޙް މުހައްމަދު ވިދާޅުވީ ބަލި މީހުންނަށް ފަރުވާދިނުމަށް ގާއިމްކުރާ މި މަރުކަޒުގައި މިހާރު ކުރަމުން އަންނަނީ އެނދުތައް ރޭވުމާއި، އިކިއުޕްމަންޓްތައް ރޭވުމުގެ މަސައްކަތްކަމަށެވެ. ކޮވިޑްއަށް ފަރުވާ ދިނުމަށް ޖުމްލަ 20 އައިސީޔޫ ބެޑް، އޭދަފުށީގައި ޤާއިމް ކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ. އެރަށު ހޮސްޕިޓަލުގައި ހަދާ މިއިމާރާތުގެ އިތުރުން އެރަށުގައި ހުރި ޓީ،އާ،ރު،ސީ ގައިވެސް ވަނީ ފަރުވާ ދެވޭގޮތައް ހަދާފައެވެ.

ކޯވިޑާގުޅިގެން ފަރުވާ ދިނުމަށް ރާއްޖޭގެ 5 ސަރަހައްދެއްގައި ގާއިމް ކުރަމުންދާ ސެންޓަރތަކުގެ ތެރެއިން ޒޯން ބީގެ މަރުކަޒު ޤާއިމުކުރަނީ އޭދަފުށީގައެވެ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމް ކުރާ މި މަރުކަޒަށް ބޭނުންވާ އިތުރު ބައެއް ސާމާނު އަންނަ ހަފްތާގެ ތެރޭ ލިބޭނެކަމަށްވެސް ޑރ ސާލިޙް މުހައްމަދު ވިދާޅުވިއެވެ.

ކޯވިޑަށް ފޮޒިޓިވް ވެގެން ފަރުވާދިނުމަށް މީހަކު ގެންނަ ހިސާބުން ޑޮކްޓަރުންނާ ނަރުހުން މަޑުކުރުމަށް ޚާއްސަ އެކޮމަޑޭޝަން ތަކެއްވެސް ހުންނާނެކަމަށާއި ކޯވިޑަށް ފޮޒިޓިވްވާ އެންމެން އެސެންޓަރ ނުގެންނާނެކަމަށްވެސް ޑރ ސާލިޙް ވިދާޅުވިއެވެ.

" ބަލި ޖެހޭ އެންމެން މިކޮޅަށް ނުގެންނާނަން. ފަރުވާދިނުމަށް މިކޮޅަށް ގެންނާނީ ދިގުމުއްތަކަށް ބޭސް ބޭނުންކުރާ މީހުންނާ އެއް އަހަރުން ދަށުގެ ކުޑަކުދިންނާ އުމުރުން ދުވަސްވެފައި ތިބޭ މީހުން. މިހެން ދެންނެވިޔަސް އެމަރޖެންސީކޮށް ފަރުވާން ދޭން ޖެހިއްޖެ ކޮންމެ މީހަކުވެސް އެހާލަތުގައި ގެނެސް ފަރުވާދޭނަން." ޑރ ސާލިޙް ވިދާޅުވިއެވެ.

މި ސެންޓަރުގައި ކޯވިޑްގެ ބަލީގައި މީހަކު މަރުވެއްޖެނަމަ ހިނަވާނެ މޯޗަރީއެއްވެސް ވަނީ ގާއިމް ކޮށްފައެވެ.

މި ޒޯންގައި ކަރަންޓީން ކުރުމަށް ދެރިސޯޓެއްވަނީ ސަރުކާރުން ކަނޑައަޅާފައެވެ. އެއީ ބ އަތޮޅުގައި ހިންގަމުން އަންނަ އައިލެންޑް ރިސޯޓާއި ރ އަތޮޅުގައި ހިންގަމުން އަންނަ ފުރަވެރި ރިސޯޓްއެވެ.