ޚަބަރު

ކުރިއެކޭވެސް އެއްގޮތަށް ރަމަޟާންމަހުގެ އިތުރުގަޑީގެ ފައިސާ ދޭން ނިންމައިފި


ކުރިއެކޭވެސް އެއްގޮތަށް ކޯވިޑް-19ގެ މިހާލަތުގައިވެސް ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރުގަޑިގެ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނާއި އެކި ފަރާތްތަކަށް ދައުލަތުން ދޭ މުސާރަ އާއި ޢިނާޔަތްތަކަށް ބަދަލު ގެނައުން ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އާންމުކޮށްފައިވާ ސަރކިއުލާއެއްގައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ރަމަޟާން މަހަކީ ޚާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައެޅިފައިވާ މަހަކަށް ވާތީ، ކުރިން އެމިނިސްޓްރީން ނެރެފައިވާ މުސާރަޔާއި އިނާޔަތްތަކާއި ގުޅޭ ސާކިއުލާގެ 6 ވަނަ ނުކުތާއަށް އަމަލުކުރާނީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހަށް ފަހުގައި 8 ޝައްވާލުން ފެށިގެންކަމަށެވެ.

މިއާއިއެކު ޝައްވާލުމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑީގައި ފައިސާ ކަނޑައެޅުމުގައި އަމަލުކުރާނީ މީގެ ކުރިންވެސް އަމަލުކުރަމުންދާ އުސޫލަށްކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ޝައްވާލު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިތުރުގަޑީގެ ފައިސާ ލިބޭނީ ވަޒީފާއައި ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހަފްތާއަކު 48 ގަޑިއިރުގެ މަސައްކަތްކުރާ މުވައްޒިފުންނަށް އެކަނިކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޯވިޑްގެ މި ހާލަތުގައި ސަރުކާރުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރާތައް މިވަގުތަށް ރިވިއުކޮށް އެކި މިންވަރަށް އުނިކުރަން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބާއި، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައިން އުނިކުރާ މިންވަރު އިތުރުކުރަން ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތަކުން ކޮވިޑް-19 އާއި ގުޅިގެން ކުޑަކުރުން މުރަޖާޢާ ކުރުމަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ މައްސަލއަށް މަޖިލީހުން ނިންމާފައިވަނީ މެއި، ޖޫން އަދި ޖުލައި މަހުގެ ނިޔަލަށް މުސާރައިން ބައެއް އުނިކުރާށެވެ.

މުސާރަ އުނިކުރަން މަޖިލީހުން ފާސްކުރި ނިސްބަތް:

  • 20،001ރ - 30،000ރ %20
  • 30،001ރ - 60،000ރ %30
  • 60،001ރ އަށްވުރެ މަތި %35


ރައީސުލްޖުމްހޫރއިްޔާއާއި އެމަނިކުފާނުގެ ނާއިބާއި، ރައްޔިތުންގެމަޖިލީހުގެ މެންބަރުންނާއި، މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންގެ މުސާރައިން ބައެއް އުނިކުރަން ނިންމަވާފައިވާއިރު، މިނިސްޓަރުންގެ ނާއިބާއި، އެފެންވަރުގެ މަޤާމްތަކުން ފެށިގެން މަތީ މަޤާމްތަކުގައެ ތެރެއިން، އަސާސީ މުސާރަ 20،000 ރުފިޔާއަށް ވުރެ ދަށްވި ނަމަވެސް، އެ މަޤާމުތަކުގެ އަސާސީ މުސާރައިން %20 އުނިކުރުމަށް ވަނީ ނިންމާފައެވެ.