ވިޔަފާރި

ގައިދުރުކަން ބެހެއްޓުމަށް ހުޅުމާލެ މަގުމަތީގައި ފާހަގަޖަހަން ފަށައިފި


އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ބާރު އެޅުމުގެގޮތުން ހުޅުމާލޭގެ ފިހާރަތައް ބޭރުގައި ފާހަގަތައް ޖަހުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯރޕަރޭޝަން، އެޗްޑީސީން ބުނީ މިއީ 'ނިއު ނޯމަލް' އަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތްތަކެއް ކަމަށެވެ. އަދި މިއާއެކު އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އާއްމުންނަށް ފަސޭހަވެގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުންވެސް ދަނީ މާލޭގެ ފިހާރަތަކާއި މަރުކޭޓުތަކުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށްޓަކައި މަގުމަތީގައި ފާހަގަތައް ޖަހަމުންނެވެ. ކޯވިޑް-19އާ ގުޅިގެން މާލެ ސިޓީ ނިއު ނޯމަލްއަށްދިޔުމަށް ތައްޔާރުވަމުންދާއިރު، ޢަމަލުކުރާނެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

މި އުސޫލްގައި ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާފައި ހުންނާނެ ގަޑިތކާއި އެތަންތަނަށް ވަދެވޭނެ މީޙުންގެ އަދަދާއި ޚިދުމަތް ދޭން ތިބޭ މީޙުންގެ އަދަދުތައް ހިމަނާނެކަމަށާއި މި އުސޫލްގައި މިތަންތަނުން ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭ މީހުންވެސް ސޯޝަލް ޑިސްޓަންސިންގއަށް ވަރަށް ބޮޑަށް އިސްކަންދިނުމަށް އަންގާނެކަމަށް ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވެފައިވެއެވެ.