ޚަބަރު

ކޯވިޑް-19 : ބަލިން އަރައިގަނެވޭނެކަމުގެ، އުންމީދީ މަންޒަރުތަކެއް ދަނީ ފެންނަމުން - ރައީސް


ކޯވިޑް-19އިން އަރައިގަނެވޭނެކަމުގެ އުންމީދީ މަންޒަރުތައް ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިީޑިޔާއަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ޞިއްޙީ ބޭފުޅުންގެ އިރުޝާދުތަކާއެކު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފުރިހަމަ އިޖަބައެއް ލިބިފައިވާކަމަށެވެ. ރައްޔިތުންގެ އެއްބާރުލުން ލިބުމުން ބަލިން އަރައިގަނެވޭނެ ކަމުގެ އުންމީދީ މަންޒަރުތައް މިއަދު ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އަދިވެސް މިކަމުގައި ޞިއްޙީ ބޭފުޅުން ދެއްވާ އިރުޝާދުތަކައް އިޖާބަ ދިނުމުގައި ދެމިތިބުމަށް އެމަނިކުފާނުވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން ރައްޔިތުންގެ ރައްކަތެރިކަމަކަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. ގެއިން ބޭރަށް ދިއުމާއި، ބޭނުންވާ ކަންކަން ކޮށްލުމަށް މީގެކުރިން ހުޅުވާލާފައިވާ ފުރުސަތު މިހާލަތާއި ގުޅިގެން ބަންދުކޮށްފައިވާކަމީ ރައްޔިތުންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މިޙާލަތުން އަރައިގަނެ ރައްޔިތުންނަށް، ގެއިންބޭރަށް ނުކުމެ އުޅެވި، ދިރިއުޅުމެގެ ގިނަ ކަންކަން އާންމު ހަލަތުގައި ކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަރަކާތްތެރި ފިތުރުއީދު މިއަދު ފާހަގަކުރަމުންދާއިރު، މީގެކުރިން އީދުގެ ތަހުނިޔަ ކިޔުމާއި، އީދާއި ގުޅިގެން ދިވެހިންގެ ތެރޭގައި ފެނިގެންދާ ކުޅިވަރުތަކާއި، ގޭގެއަށް ޒިޔާރަތްކުރުމުގެ ފުރުސަތުތައް މިފަހަރު ލިބިފައި ނުވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އެއްބައިވަންތަކަމުގެ ގުޅުމާއި، އެކުވެރިކަން ބަދަހިކުރުމަށް ސޯޝަލް މީޑިޔާ މެދުވެރިކޮށް ގިނަ މަސަކަތްތަކެއް ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އީދުގެ ފޯރިއާއި، އީދުގެ އުފާވެރިކަން ކުރީގައި ފާހަގަކުރަމުންދިޔަ ގޮތަކަށް މިއަދު ފާހަގަކުރުމަށް ފުރުސަތު ނުލިބުނު ނަމަވެސް ގިނަ ރަށްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް އީދުގެ ތަހުނިޔާ ކިޔުމުގެ ފުރުސަތު ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މަސައްކަތް ކުރައްވަމުންދަނީ ކުރިއަށް އޮތްތަނުގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއެކު އަންމު ދިރިއުޅުމުގެ ހާލަތަކަށް ރާއްޖެ ގެންދެވޭތޯ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފަރާތުން މިހާރު ލިބެމުންދާ އެއްބާރުލުން ކުރިއަށް އޮތްތަނުގައިވެސް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.