ޚަބަރު

ކޯވިޑް-19 : ބޯޑަރު ހުޅުވާލާ އުދުހުންތަކަށް އެއަރޕޯޓް ތައްޔާރުވެއްޖެ


ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ އައު ޢާންމު ހާލަތުގައި ދަތުރުތައް ފަށަން ތައްޔާރުވެފައިވާކަމަށް މައި އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްސީއެލްއިން ހާމަކުރައްވައިފިއެވެ.

ކޯވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް މާލެއިން ފެނުމާއެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރާއްޖޭގެ އުދުހުންތައް ވަނީ ހުއްޓާލާފައެވެ. ނަމަވެސް މިހާރު ކޯވިޑްގެ ޕޮޒިޓިވް ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައިވުމުން މިހާތަނަށް އަޅާފައިވާ ފިޔަވޅުތަކަށް ލުއިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ބޯޑަރު ބަންދުކުރުމާއެކު ރާއްޖޭގެ ހުރިހާ އޤްތިޞާދީ ހަރަކާތްތަތަކެއް މިހާރު ހުއްޓިފައި އޮތުމަށްފަހު ސަރުކާރުން ތައްޔާރުވަމުންދަނީ މިހރުގެ ޙާލަތު އިތުރަށް ގޯސްނުވާނަމަ އައު އާންމު ހާލަތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާ ޖުލައި މަހު ފަތުރުވެރިކަން ފެށުމަށެވެ.

ޕީއެސްއެމް ނިއުސްގެ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ޙަސަން ޢަރީފް ވިދާޅުވީ، އައު ޢާންމު ޙާލަތުގައި ބޯޑަރު ހުޅުވާލުމަށް މަސައްކަތް ފެށުމުގެ މާކުރިންވެސް އެފަދަ ހާލަތަކަށް އެމްއޭސީއެލްގެ ފަރާތުން ތައްޔާރުވަމުން އައިސްފައިވާކަމަށެވެ. އެގޮތުން އެއަރޕޯޓްގައި މަސައްކަތްކުރާނެ އެންމެ މަދު މުވައްޒަފުން ކަނޑައެޅުމާއި، އިޖްތިމާޢީ ގައިދުރުކަން ބަހައްޓައިގެން ޚިދުމަތް ދެބޭނެ ގޮތަށް ފަސިންޖަރުން ތިބޭނެ ތަންތަން ފާހަގަޖަހާފައިވާކަމަށެވެ. އަދި އެކުންފުނިން ދެމުންދާ އިތުރު ޚިދުމަތްތައްވެސް މިހާރު އައު ޢާންމު ހާލަތަށް ތައްޔާރުވެފައިވާކަމަށާއި، އޮޕަރޭޝަންތައް ކުއްލިއަކަށް ފަށަން ޖެހުނަސް އެއްވެސް ދަތިކަމެއް ނެތްކަމަށް ޢަރީފް ވިދާޅުވިއެވެ.

"ނިއުމޯލްއަށް ތައްޔާރުވެފައިމިވަނީ ވަރަށް ކުރިން. ކެންޓީންތައް ވަނީ ނިއުމޯލް ސޮޝަލް ޑިސްތެންސްއަށް ރިއެރޭންޖުކުރެވިފަ. މޭޒުތަކާ ގޮނޑިތައް ރީ އެރޭންޖުކުރެވިފައި. ޓަމިނަލްގައިވެސް ވާނީ މާކްކޮށްފަ 3 ފޫޓުބައި ނުވަތަ އެއްމީޓަރު ބައި މިގޮތަށް މާކިންވެސް ވާނީ ޖެހިފައި. ކުރިންވެސް ފަހުންވެސް ޑިސްއިންްފެކްޓުކުރަން." ޢަރީފް ވިދާޅުވިއެވެ.

ޙަސަން ޢަރީފް ވިދަޅުވީ، މިހާރުވެސް ބާއްވަމުން އަންނަ އެމެޖެންސީ އުދުންތަކުގައި އެއަރޕޯޓް ބޭނުންކުރަނީ ބައެއް މުވައްޒަފުން އެއަރޕޯޓްގައި ފުރަބަންދުގައި ތިބެގެންކަމަށެވެ. އަދި ރާއްޖެއަށް މުދާ ގެންނަ ކާގޯ ފްލައިިޓްތަކާއި، ފަސިންޖަރުން ގެންނަ ފްލައިޓްތަކަށްފަހުވެސް ޑިސްއިންފެކްޓްކުރަމުންދާކަމަށެވެ. އަދި ފަސިންޖަރުންނަށް ޚިދުމަތްދޭ ކައުންޓަރުތަކުގައި ވެސް ބިއްލޫރި ޝީތްޖަހާ މުވައްޒަފުންނަށް ރައްކާތެރި މާހައުލެއްގައި މަސައްއްކަތްކުރެވޭނެކގޮތަށް އެއަރޕޯޓް އޮތީ އޮޕަރޭޝަންތަކަށް ތައްޔާރަށްކަމަށެވެ.