ވިޔަފާރި

އޮގަސްޓްމަހު ފަތުރުވެރިންނަށް ގެސްޓްހައުސްތައް ހުޅުވާލާނަން- މިނިސްޓަރ


ރާއްޖޭގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލާނީ މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައިކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ، ވޯލްޑް ޓޫރިޒަމް އޮގަރނައިޒޭޝަންއިން އިންތިޒާމްކޮށްގެން ބޭއްވި ދަ އިމްޕެކްޓް އޮފް ކޯވިޑް-19 އޮން އިންޓަރނޭޝަނަލް ޓޫރިޒަމްގެ ނަމުގައި ބޭއްވި ވެބިނަރގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ދަނީ ނިއު ނޯމަލް އަށް ތައްޔާރުވަމުން ކަމަށެވެ. އެގޮތުން ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށް ކުރެވިފައިވާކަމަށާއި އަދި ރާއްޖެ ޖުލައިމަހު ފަތުރުވެރިކަމަށް ހުޅުވާލުމަށް މިހާރު ތައްޔާރުވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

'ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލާއިރު އެއަރޕޯޓުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަވާނެ، ރާއްޖެ އަންނަ ފަތުރުވެރިން އަތުގައި ކޯވިޑް-19އަށް ޓެސްޓުކޮށް އޭގެ ރިސަލްޓު އޮންނަންވާނެ އެއަރޕޯޓުންވެސް ފަތުރުވެރިން ކޯވިޑަށް ޗެކްކުރާނެ' މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތައްވެސް މިނިސްޓަރވަނީ ވެބިނަރގައި ހިއްސާކުރައްވާފައެވެ. އެގޮތުން ޖުލައިމަހުން ފެށިގެން އޮކްޓޫބަރުމަހަށް ކުރިއަށްދަނީ މިކަމުގެ ފުރަތަމަ ފިޔަވަހިކަމަށާއި، ފުރަތަމަ ފިޔަވަހީގައި ރާއްޖެ ފަތުރުވެރިންނަށް ހުޅުވާލާ ރިސޯޓްތަކާއި ސަފާރީތަކުގައި ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ޖުލައިމަހު ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރެވޭނެ، ރިސޯޓްތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރެވޭނެ، ހާލަތަށް ބަލައި އޮގަސްޓްމަހުގެ ތެރޭގައި ރާއްޖޭގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލާނަން" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެއްމަސްދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ބޭނުންވާނަމަ އެ ފުރުސަތުވެސް ފަހިކޮށްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.