ކޯވިޑް-19

ހަރުދަނާ ފިޔަވަޅުތަކެއް ނެތި ލޮކްޑައުން ލުއިކޮށްފިނަމަ ދެވަނަ ޕީކެއް އަންނާނެ


ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް ނެތި މާބޮޑަށް ލުއިކޮށްފިނަމަ އަނެއްކާވެސް ކުއްލިއަކަށް ކޯވިޑް ފެތުރުމުގެ ބިރުބޮޑުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

ހޯމަދުވަހު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން، ޑަބްލިޔުއެޗްއޯގެ އިމަޖެންސީ ކަންތައްތަކާބެހޭ އިސްވެރިޔާ މައިކް ރަޔާން ވިދާޅުވީ ކޭސްތައް ފެންނަ މިންވަރު ބައެއް ސަރަޙައްދުތަކުގައި މަދުވިޔަސް ކޮރޯނާވައިރަސްގެ ނުރައްކާ ކުޑަވަމުން ނުދާކަމަށެވެ. އެގޮތުން ސެންޓްރަލް އެމެރިކާ، ސައުތު އެމެރިކާ، އެފްރިކާ އަދި ދެކުނު އޭޝިޔާގައި ބަލި ފެތުރޭ މިންވަރު ދަނީ އިތުރުވަމުންކަމަށް އޭނާ ވިދާޅުވިއެވެ. މައިކް ވިދާޅުވީ ކޮރޯނާވައިރަސް ފެތުރުން މަޑުމަޑުން ދަށަށް ގޮސް، ޖެނުއަރީމަހު އެރި ރާޅު މަޑުމަޑުން ތިރިވެ، ދެވަނަ ރާޅަކަށް ތައްޔާރުވާން ވަގުތު ލިބިދާނެކަމަށް ބެލުމަކީ ކުށް ހީއެއްކަމަށެވެ. އަދި ފިޔަވަޅުތަކަށް މާބޮޑަށް ލުއި ދީފިނަމަ މިހާރު މިއޮތް ރާޅުގެ ތެރެއިން ދެވަނަ ފަހަރަށް ކުއްލިއަކަށް ބަލި ފެތުރިގަތުން ނުވަތަ ދެވަނަ ޕީކެއް އައުމުގެ ފުރުޞަތު ބޮޑުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައިކް ވިދާޅުވީ ޔޫރަޕާއި އުތުރުއެމެރިކާގެ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ތައްޔާރުވާއިރު، ދެވަނަ ފަހަރަށް ބަލި ފެތުރުނަ ނުދީ، ކޮންޓްރޯލްކޮށްފައި ބޭއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ކޮންމެހެންވެސް އަޅަންޖެހޭކަމަށެވެ. އެހެން ނޫންނަމަ އަނެއްކާވެސް ދެވަނަ ޕީކްއެއް މި ރާޅުގެ ތެރެއިން އަންނާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭއިރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޑަބްލިޔުއެޗްއޯއިން ގޮވާލާފައިމިވަނީ، ގިނަ ޤައުމުތަކަކުން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް އުވާލުމަށް ތައްޔާރުވަމުންދަނިކޮށެވެ. ބައެއް ޤައުމުތަކުގައި ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކޮށްފައިވާއިރު، ބައެއް ޤައުމުތަކުގައި ވަނީ އެތެރޭގެ ދަތުރުފަތުރުވެސް ފަށާފައެވެ. މީގެއިތުރުން ފަތުރުވެރި މަންޒިލްތަކުންނާއި އެއަރލައިންތަކުންވެސް ދަނީ އަލުން ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ހުރިހާ ފަރާތަކުންވެސް ދަނީ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.