ޚަބަރު

ކޯވިޑް-19 : ބަލިން ރަނގަޅުވި މީހުންގެ އަދަދު 232އަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 77 މީހަކު ރަނގަޅުވެއްޖެއެވެ.

މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 232 އަށް އަރާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއީ މިހާތަނަށް އެއްދުވަހެއްގައި ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު އެންމެ ބޮޑަށް ފެނުނު ދުވަހުގެ ގޮތުގައިކަމަށެވެ.

ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ނަމަވެސް މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެތެރޭގައި ގިނައީ ދިވެހިންނެވެ.

މިހާތަނަށް 1438 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު، މިހަފްތާގައި ބަލިން ރަނގަޅުވީކަން ހާމަކުރި މީހުންގެ ޢަދަދު އިތުރުކަން ފާހަގަކުރެވެއެވެ. ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.