ޚަބަރު

ކޯވިޑް-19 : ކޮމިއުނިޓީ ސްޕްރެޑްގެ ތެރެއިން ޕޮޒިޓިވްވި 214 މީހަކު ރަނގަޅުވެއްޖެ


މުޖުތަމައުގެ ތެރޭގައި ކޯވިޑް-19ގެ ބަލި މަޑުކަން ފެތުރެން ފެށިފަހުން ބަލި ޖެހުނު މީހުންގެ ތެރެއިން 214 މީހަކު ބަލިން ރަނގަޅު ވެފައިވާކަމުގައި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެގްޓީމްގެ ޑޮކްޓާ، ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު 46 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 30 މީހުންނާއި، އިންޑިޔާގެ 4 މީހަކާއި 10 ދިވެހިންގެ އިތުރުން ނޭޕާލްގެ މީހަކާއި، ސްރީލަންކާ މީހެއްކަމަށެވެ.

ރަނގަޅުވާ މީހުންގެ އުމުރުފުރާތަކަށްބަލާއިރު ރާއްޖެއިން ރަނގަޅުވާ މީހުން އެންމެ ގިނައިން ރަނގަޅުވާ އުމުރުފުރާއަކީ 18 އަހަރާއި 45 އަހަރައި ދެމެދުގެ މީހުންކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ރަނގަޅުވެފައިވަނީ 45 އަހަރާއި، 65 އަހަރުގެ މީހުންނެވެ. ޑޮކްޓަރުންވަނީ ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ މީހުންގެ ރަނގަޅުވާ ސްޕީޑް އެހެން ޤައުމުތަކައި ބަލާއިރު ލަސް ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިނ ްކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ރަނގަޅުވި 77 މީހުންނާއިއެކު މިއަދު ވެގެން ގޮސްފައިވަނީ ރާއްޖެއިން މިހާތަނަށް އެންމެ ގިނައަދަދަކަށް މީހުން ރަނގަޅުވި ދުވަހުގެ ގޮތުގައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް ސާމްޕަލް ނަގާ މިންވަރު ދުވަހުން ދުވަހަށް އިތުރުކޮށްފައިވާއިރު، މިހާރު ރާއްޖެއިން ދަނީ ކޮންމެ ދުވަހަކުވެސް 700 ވުރެ ގިނަ މީހުންގެ ސާމްޕަލްތައް ނަގަމުންނެވެ. އަދި މިއަދަދު ކުރިއަށް އޮތްތަނުގައި 1000 އަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.