ސަރުކާރުގެ އޮފީސްތަކުން ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ރައްކާތެރިވެ، ޢާންމުންނަށް މައުލޫމާތު ފޯރުކޮށްދޭ އެކައުންޓުތައް ބެލެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން ޢާންމުކުރައްވައިފިއެވެ.
ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ އެ އިދާރާއިން މިއަދު ނެރުއްވި ސާކިއުލާއެއްގައި ވަނީ، ސަރުކާރުގެ މައުލޫމާތާއި ޚަބަރު ފޯރުކޮށްދޭ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ކޯޕަރޭޓް ޕޭޖުތައް ބޭނުންކޮށްގެން ރައްޔިތުންގެ ހިތުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް، ހަގީގަތާ ޚިލާފު ވާހަކަތައް ބަޔަކު ދައްކަމުންދާ ކަމަށެވެ.
ސަމާލުކަން ދޭންވީ ބައެއް ކަންކަން
- ކޯޕަރޭޓް އެކައުންޓް ނުވަތަ ޕޭޖް އުފެއްދުމަށް މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކާއި އީމެއިލް އެޑްރެސް ބޭނުން ކުރުމުގެ ބަދަލުގައި އެއިދާރާއެއްގެ ރަސްމީ "ޖީއޯވީޑޮޓްއެމްވީ" އީމެއިލް އެޑްރެހާއި އޮފީހުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މޯބައިލް ނަމްބަރެއް ބޭނުން ކުރުން.
- ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެޑްމިނިސްޓްރޭޓިވް އެކައުންޓްތަކަކީ އެ އިދާރާއެއްގެ އައިޓީ ބަލަހައްޓާ ޑިޕާޓްމެންޓެއްގެ ބެލުމުގެ ދަށުގައި ހުންނަ އެކައުންޓްތަކެއްގެ ގޮތުގައި ހަމަޖައްސުން.
- އެކައުންޓްތަކަކީ 2 ފެކްޓާރ އޮތެންޓޮކޭޝަން ބޭނުންކޮށްގެން ލޮގްއިން ކުރެވޭ އެކައުންޓްތަކަކަށް ހެދުން.
- ރަސްމީ ސޯޝަލް މީޑިއާތަކުގެ ރޯލް ދެވިފައިވާ މުވައްޒަފުންގެ ރަޖިސްޓްރީއެއް އެޗްއާރު ސެކްޝަންތަކުގައި ބަލަހައްޓައި އެމުވައްޒަފުން އެއިދާރާއިން ވަކިވެގެންދާއިރު އެމުވައްޒަފަކަށް ދެވިފައިވާ ސޯޝަލް މިޑިއާ އެކްސަސް ރިވޯކް ކުރުން.
- ސޯޝަލް މީޑިއާގައި މަޢުލޫމާތު ޝާއިއު ކުރުމުގައި އަމަލުކުރާނެ ސްޓޭންޑާރޑް އޮޕަރޭޓިންގް ޕްރޮސީޖާއެއް އެކުލަވާލުން.
- ސޯޝަލް މީޑިއާގައި އެ އިދާރާއެއްގެ ނަމުގައި އެހެން ޕޭޖްތަކާއި އެކައުންޓްތައް ހިންގާނަމް އެ ޕްލެޓްފޯމްތައް ރިޕޯޓްކޮށް ބްލޮކް ކުރުމުގެ މަސައްކަތް ކުރުން.
- އިދާރާތަކުގެ ރަސްމީ އެކައުންޓްކުގެ މައުލޫމާތު ރަސްމީ ވެބްސައިޓްގައި ހިމަނައި އެފަދަ އެކައުންޓްތައް ވެރިފައިޑް އެކައުންޓްތަކަކަށް ހެދުމަށް މަސައްކަތް ކުރުން.
އެންސީއައިޓީން މިކަން އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައި މިވަނީ ބައެއް ތަންތަނުގެ ސޯޝަލް މީޑިއާ އެކައުންޓް ހެކްކޮށް، އެތަންތަނުގެ ނަން ބޭނުންކޮށްގެން އެކިކަހަލަ ވާހަަކަތައް ފަތުރަމުންދާތީއެވެ. ދާދިފަހުން ވަނީ ޓުއަރޒިމް މިނިސްޓްރީއާއި އެޗްޕީއޭގެ ޓުވިޓަރ އެކައުންޓުވެސް ހެކްކޮށްފައެވެ.