ޚަބަރު

ވިޔަފާރިކުރުމަށް ގޭބިސީއަކަށް 3 ހުއްދަ ދޫކުރަން ފަށައިފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ ސަރަޙައްދުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ ކޮންމެ ގޭބިސީއަކަށް ވިޔަފާރިކުރަން 3 ހުއްދަ ދޫކުރަން ފަށައިފިއެވެ.

މީގެ ކުރިން ވިޔަފާރި ކުރުމަށް ގޭބީސީއަކަށް ދޫކުރަމުން ދިޔައީ އެއް ހުއްދައެވެ. ނަމަވެސް ފުރަބަންދަށް ގެނައި ލުއިތަކުގެ ތެރޭގައި ގޭބީސީއަކަށް ތިން ހުއްދަ ދޫކުރުމަށް ވަނީ ނިންމާފައެވެ.

ފުލުހުން ވިދާޅުވީ ވިޔަފާރި ކުރުމަށް ގެއަކަށް 3 ހުއްދަ ދޫކުރަން މިއަދު ފަށާފައިވަކަމަށާއި މިއަދުން ފެށިގެން އެ ހުއްދަ ބޭނުންކޮށްގެން ދެ ގަޑިއިރު ބޭރުގައި އުޅެވޭނެ ކަމަށެވެ. އަދި މި ހުއްދަ ބޭނުންކޮށްގެން މާލޭގެ ހުރިހާ ސަރަހައްދަކަށްވެސް ގޮސް ވިޔަފާރި ކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ ކުރިން ވިޔަފާރިކުރަން ހުއްދަ ދޫކުރީ ވަކި ސަރަހައްދެއްގެ ތެރޭގައި އުޅެވޭ ގޮތަށް އެކަންޏެވެ. ފުލުހުން ވިދާޅުވީ އާ ހުއްދަ ލިބެންދެން ކުރިންނަގާފައިވާ ހުއްދަ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެކަމަށެވެ.

ލުއިތަކާއެކު ގެއަކުން ތިން މީހުންނަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޭއިރު އެ ހުއްދައަށް އެދުމަށްޓަކައި އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަންބަރު ފުލުހުންނަށް ފޮނުވަން ޖެހޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތަށް ނިންމާފައިވަނީ ހުއްދައަށް އެދޭ މީހުންނަކީ އެގޭގައި އުޅޭ މީހުންކަން ޔަޤީން ކުރުމަށް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ބޭރަށް ނުކުތުމަށް މިހާތަނަށް 31،000 މީހަކަށް ފުލުހުން ހުއްދަ ދީފައިވާއިރު ދުވާލެއްގެ މައްޗަށް މާލޭގައި މަދުވެގެން 40،000 މޫވްމެންޓް ހިނގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އާ ހުއްދަތަކާއެކު އެ އަދަދު ތިން ގުނަ އިތުރުވާނެ ކަމަށް ފުލުހުން ވަނީ ލަފާކޮށްފައެވެ.

ވިޔަފާރިކުރާ ފަރާތްތަކުންވެސް ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޖެހޭ ކަމަށާއި އެގޮތުން ހިދުމަތް ހޯދަން އަންނަ މީހުންނަށް މަދުވެގެން ތިން ފޫޓް ދުރުމިނެއްގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް ފުރަބަންދުގެ ލުއިތަކާއެކު ވިޔަފާރި ކުރުމުގެ ހުއްދަ އޮންނާނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށް ފުލުހުން ވަނީ ވިދާލުވެފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވަނީ އިތުރު ވިޔަފާރިތަކަށްވެސް ހުއްދަ ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރީޓެއިލް ވިޔަފާރިއާއި ހޯލްސޭލް ވިޔަފާރީގެ އިތުރުން ލޮޖިސްޓިކް އަދި މުދާ ސަޕްލައިކުރާ ގިނަ ބަޔަކަށް ހުއްދަދޭނެކަމަށެވެ. މީގެ އިތުރުން ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުންނަށްވެސް ހުއްދަތަކެއް ދޭނެކަމަށާއި، ޚާއްޞަކޮށް ޖޫން މަހުގެ ތެރޭގައި ގިނަ ލުއިތަކެއް ފުލުހުންގެ ފަރާތުން ދެއްވާނެކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.