ކޯވިޑް-19

ކޯވިޑް-19 : ބޭރުގައި ތިބި ދިވެހިންނަށް އެންސްޕާއިން 8 ލައްކައަށްވުރެ ގިނަ ރުފިޔާ


ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެންސްޕާ މެދުވެރިކޮށް އެހީގެގޮތުގައި 8 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެން.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެން.އީ.އޯ.ސީގެ ތަރުޖަމާން މުޙަައްމަދު މަބްރޫޒް އަޒީޒް ވިދާޅުވީ، އެންސްޕާގެ އެހީގައި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައިތިބި ދިވެހިންނާއި، އަމިއްލަ ޚަރަދުގައި އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށްގޮސްފައިވާ ފަރާތްތަކުގެ ތެރެއިން ހާލުގައި ޖެހިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. އެގޮތުން އެންސްޕާގެ އެހީއާއި، އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރުގައި ތިބި 136 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިކަމުގެ ތަފްޞީލު ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، ރާއްޖެއިން ބޭރަށް އެންސްޕާގެ އެހީގައި ދިޔަ 35 މީހަކަށް ދެ ލައްކަ ނުވަދިހަ އަށްހާސް ފަސްސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ އެހީގެ ގޮތުގައި ފޯރުކޮށްދީފަައިވާކަމަށެވެ. އަދި އަމިއްލަ ޚަރަދުގައި އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށްގޮސްފައިވާ 101 މީހަކަށް ފަސް ލައްކަ ފަސްދޮޅަސް ފަސްހާސް ހަ ސަތޭކަ ސާޅިސް ހަތަަރު ރުފިޔާ އެހީގެ ގޮތުގައި ދީފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ރާއްޖެއިން ބޭރަށް އެންސްޕާގެ އެހީގައި ގޮސްފައިވާ މީހުންނާއި، އަމިއްލަ ޚަރަދުގައި އެކި ބޭނުންތަކަށް ގޮސްފައިތިބި މީހުންގެ ތެރެއިން 136 މީހަކަށް އެންސްޕާ މެދުވެރިކޮށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. އެބޭފުޅުންނަށް ދިން އެހީގެ ޖުމްލަ ޢަދަދު އަށް ލައްކަ ފަސްދޮޅަސް ހަތަރުހާސް ދުއިސައްތަ ހަ ރުފިޔާއަށް އަރާ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސޯޝަލް ކައުންސިލްގެ ފަރާތުން އެހީތެރިވަމުން އަންނަކަމަށެވެ. އެގޮތުން މިވަގުތުވެސް ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ވަގުތީ ބޯހިޔާވަހިތަކުގައި 71 މީހަކު އެބަތިބިކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 230 ފަރާތަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި، 1383 މީހެއްގެ ޙާލަތު މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާކަން މަބްރޫކް ވަނީ ފާހަގަކުރައްވާއެވެ.