ކުޅިވަރު

އުފަން ރަށުން ސާއިދަށް ރަތް ދޫލައިގެ މަރުހަބާއެއް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަންމެޑަލް ހޯދި ހަސަން ސާއިދު އިއްޔެ އުފަން ރަށް ގާފަރަށް ދިއުމުން އެރަށުގެ ރައްޔިތުން އޭނާއަށް ކިޔާފައިވަނީ ރަތް ދޫލައިގެ މަރުހަބާއެކެވެ. ރަށުގެ ގިނަ ރައްޔިތުން ބަނދަރަށް ނިކުމެ ޒުވާން އެތްލީޓަށް މަރުހަބާ ކިޔަމުންދިޔައީ ފަޚްރުވެރިކަމާއެކުގައެވެ.އެރަށުގެ ޒުވާނުންނާއި އަންހެންނުންނާއި ފިރިހެންނުންވެސް ބުނަމުންދިޔައީ މިއީ އެރަށަށް ލިބުނު ބޮޑު އުފަލެއްކަމަށެވެ. އަދި މިފަދަ ބޮޑު ކާމިޔާބީއެއް އެރަށުގެ ޒުވާނަކު ހޯދީތީ ފަޚްރުވެރިވާކަމަށެވެ. "ވަރަށް އުފާވެފަ މިހުންނަނީ މިކަހަލަ ޝަރަފެއް ލިބުނީތީވެ. މިއީ ސާއިދު ހޯދައިދިން ވަރަށްބޮޑު ޝަރަފެއް މިރަށަށް." ސާއިދުއަށް މަރުހަބާ ކިއުމަށް ބެރުޖަހަން ހުރި ޒުވާނަކުން ބުންޏެވެ."ވަރަށް އުފާވެފަ. ވަރަށް އުފަލުން މިތިބީ މިކަހަލަ ދުވަހެއް އައީމަ." ސާއިދުއަށް މަރުހަބާ ކިޔުމަށް ބަނދަރަށް ނިކުމެއިން އުމުރުން ދުވަސްވީ އަންހެނަކު ބުންޏެވެ.ރަން މެޑަލް ހޯދި ސާއިދު އުފަން ރަށުގައި ހުރެ ބުނީ އަބަދުވެސް ބުނަމުން އަންނަ ފަދައިން އޭނާގެ ކާމިޔާބީގައި ރަށުގެ ރައްޔިތުންގެ ޙިއްޞާ އެބައޮތްކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ކީ ހޫނު މަރުހަބާއަށްޓަކައި އުފާވާކަމަށާއި، އެކަމަށްޓަކައި ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރާކަމަށެވެ." ކޮންމެ ކަމެއް ޖެހުނުކަމުގައިވިޔަސް އެންމެ ފުރަތަމަ އެހީވާން ތިބޭ ބަޔަކީ ހަމަ ރަށު ރައްޔިތުން. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއަދު ވަރަށް އުފާވެއްޖެ، ރަށު ރައްޔިތުން މިކީ ހޫނު މަރުހަބާއަށް. އަދިވެސް އެއްފަހަރު ރަށު ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." އުފަން ރަށުގެ ރައްޔިތުންނާއެކު ހުރެ ސާއިދު ބުންޏެވެ.ސާއިދުއަށް ގާފަރުން މަރުހަބާ ދެންނެވިއ އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމްވެސް ވިދާޅުވީ ސާއިދުގެ ކާމިޔާބީއަކީ ވަރަށް ބޮޑު އުފަލެއްކަމަށާއި، މުޙިއްމީ ވަކި ރަށަކަށް ނިސްބަތްވާ ވަކި މީހަކު ކާމިޔާބީ ހޯދުން ނޫންކަމަށެވެ."އުފާކުރަންވީ ޤައުމަށް އެއީ ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުންވިޔަސް ޒުވާނަކު ނުވަތަ ދަރިޔަކު މިފަދަ ނަމެއް ހޯދައިދިނީތީ. އެހެން ނަމަވެސް އަޅުގަނޑަށް އިތުރު އުފަލެއް ލިބިގެންދިޔަ ކަމެއް އަޅުގަނޑު ނިސްބަތްވާ ދާއިރާގެ، މިގާފަރުގެ ދަރިއަކަށް ސާއިދު ވީތީ." ސާއިދުއާއެކު ގާފަރުގައި ހުންނަވައި ފައިސަލް ނަސީމް ވިދާޅުވިއެވެ.ސާއިދުގެ މިކާމިޔާބީއަކީ ގާފަރުގެ އިތުރުން މުޅި ޤައުމަށްވެސް ލިބިގެންދިޔަ ބޮޑު އުފަލެކެވެ.  އެކަން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަންނަނީ ފާހަގަކުރަމުންނެވެ. އެއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމުންނެވެ. އަދި ގޭމްސްއެއްގައި ރާއްޖެއަށް ލިބުނު ފުރަތަމަ ރަންމެޑެއްޔަށް އެމެޑަލް ވުމުންނެވެ.