ރިޕޯޓް

އިންޓަނެޓްގެ "އަނދިރި ފަރާތް" ދަރިންނަށްވެސް ކިޔައިދީ ހޭލުންތެރިކުރުވަންޖެހޭ


21 ވަނަ ގަރުނުގެ ޓެކްނޮލޮޖީގެ ވަޞީލަތްތަކާއެކު އިންސާނުންގެ ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނުވާފައެވެ. ދިރިއުޅުމުގެ ހުރިހާކަމެއްހެން މިހާރު ބަރޯސާވެފައިވަނީ އިންޓަނެޓަށޭ ބުނުމަކުން މުޅިއަކުން ދޮގަކަށްނުވާނެއެވެ. ފޮށިގަނޑު ޓީވީތަކާއި ބޮޑެތި ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކާއި، ސެލިއުލާ ފޯނުތަކުގެ ޒަމާން މާޒީވެ، ހުރިހާކަމެއްހެން "ސްމްޓް"ވެ، ދިވެހިންވެސް މިދަނީ "ޓެކް" ޒަމާން ތަޖުރިބާކުރަމުންނެވެ.

ސްމާޓް ފޯނުތަކާއި، ޓެބްލެޓްތަކަކީ ޢާންމު ދިރިއުޅުމާ އެކުވެ، އޭގެ ބޭނުން މިއަދު އިންތިހާއަށް ބޮޑުވެފައިވާ އެއްޗިއްސެވެ. އިންޓަނެޓް މެދުވެރިކޮށް މިފަދަ އެއްޗެތިން ސޯޝަލް މީޑިއާ ހާވާނުލެވޭކަމަށްވާނަމަ މިހާރު ދުވަސް ފުރިހަމަވެސް ނުވާކަހަލައެވެ. ފޭސްބުކް، ވައިބަރ، އިންސްޓަގްރާމް، ވަޓްސްއެޕް، ޓެލެގްރާމް އަދި ސްނެޕްޗެޓްފަދަ އެޕްލިކޭޝަންތަކަކީ މިއަދު ދިވެހި ޒުވާނުންނާއި ކުޑަކުދިންވެސް ފިސާރި ދޯޅު އެޕްލިކޭޝަންތަކެކެވެ. މިކަހަލަ ސޯޝަލް މީޑިއާތަކުގެ ބޭނުން ކުރުމަކީ މިހާރު ވަރަށް ފަސޭހަކަމެކެވެ. މި ފަސޭހަތަކާއެކު އޭގެ އެދެވޭ ހެޔޮ އަސަރުތައް މުޖުތަމަޢުއަށް ކުރާ ބީދައިން، ނޭދެވޭ ނުރަނގަޅު އަސަރުތައްވެސް މުޖުތަމަޢަށް ކުރާނެކަން ޤަބޫލުކުރަންޖެހެއެވެ.

ދައްކަން މިއުޅެނީ އިންޓަނެޓްގެ ޒަރިއްޔާއިން މިހާރު އާއްމުވަމުންދާ "ސައިބަރ ކްރައިމް" ތަކުގެ ވާހަކައެވެ. ސައިބަރ ކްރައިމްއާއި ގުޅޭ ފަހުގެ ދިރާސާތައް ދައްކާގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.5 މިލިއަން މީހުން މިިފަދަ ޖަރީމާތަކުގެ ޝިކާރައަކަށް ވެގެންދެއެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރާ ކޮންމެ 10 މީހަކުން އެކަކުގެ އެކައުންޓް ހެކްކުރުން ނުވަތަ ވަގު އެކައުންޓްތަކާއި، ފޭކް އައިޑީތަކުގެ މަޅީގައި ޖެހެއެވެ. މިފަދަ ކަންކަމުގެ ޝިކާރައަކަށް ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ވެއެވެ. އަދި ކުންފުނިތަކާއި ވިޔަފާރިތަކާއި ބޭންކުތަކުގެ އިތުރުން، ޤައުމުތަކުގެ ސަރުކާރު އިދާރާތަކާއި މުއައްސަސާތައްވެސް ސައިބަރ ކްރައިމްގެ ޝިކާރައަކަށް ވެގެންދެއެވެ.

އިންޓަނެޓްގެ ބޭނުން ނަހަމަގޮތުގައި ހިފާ، ހިންގާ ޖަރީމާތަކުގެ ތެރެއިން "އިންޓަނެޓް ގްރޫމިންގ" ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން ކުޑަކުދިން ހައްލުވާ، ޖިންސީގޯނާގެ ޝިކާރައަކަށް އެކުދިން ހަދާކަމުގެ މައްސަލައަކީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ ބޮޑުވަބާއެކެވެ.

ކުޑަކުދިންނާމެދު ހިންގާ މިފަދަ ޖަރީމާތަކާގުޅޭގޮތުން އިންޓަރނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން، އިންޓަޕޯލުން ނެރެފައިވާ ރިޕޯޓެއްގައި އިންޓަނެޓް މެދުވެރިކޮށް އުމުރާ ނުގުޅޭ ވާހަކަތަކާއި، ފާހިޝް ވާހަކަތައް ކުޑަކުދިންނާއި ދައްކަމުންދާ ބޮޑެތި މީހުންގެ މަޅީގައި ޖެހި ޖިސްމާނީ އަދި ނަފްސާނީ ބަލިމަޑުކަމަށް ކުއްޖާ ހުށަހެޅި، އަމިއްލައަށް މަރުވުންފަދަ ހިތާމަވެރި ކަންކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ބަރަހަނާ ފޮޓޯއާއި ވީޑިއޯ ފޮނުވުމާއި، އެކުދިންގެ އެފަދަ ފޮޓޯއާއި ވީޑިއޯ ހޯދައި، އެފަދަ ބަރަހަނާ ސައިޓުތަކުގައި ޢާންމުކޮށް، އޭގެން މަންފާ ހޯދާކަންވެސް ފާހަގަކޮށްފައިވެއެވެ.

މައިކްރޯސޮފްޓްގެ "އެންޓި-ގްރޫމިންގ ޓޫލް" - ސައިބަރ ކްރައިމް ހުއްޓުވަން ބޮޑު އެހީއެއް


އިންޓަނެޓްގެ ޒަރިއްޔާއިން ޖިންސީގޯނާގެ ޝިކާރައަކަށް ކުޑަކުދިންވުން ހުއްޓުވުމަށް ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތަށް ކުރެވޭ މަސައްކަތުގެ ތެރެއިން މައިކްރޯސޮފްޓުން "އާރޓެމިސް"ގެ ނަމުގައި ޚާއްސަ އެންޓި-ގްރޫމިންގ ޓޫލެއް މިއަހަރުގެ ޖެނުއަރީމަހު ތަޢާރަފުކުރުމަކީ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.

މިއީ އިންޓަނެޓްގެ ޒަރިއްޔާއިން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ހޯދުން ނުވަތަ ޖިންސީ ގޯނާގެ ޝިކާރައަކަށް އެކުދިން ހެދުމަށް ކުރާ މަސައްކަތްތައް ހުއްޓުވާ، އެފަދަ ކަންކަން ކުރާ މީހުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމުގެ މަޤްޞަދުގައި ތަޢާރަފުރި ޓޫލެއްކަމަށް މައިކްރޯސޮފްޓުން ބުނެއެވެ.

"އާރޓެމިސް" އަކީ އިންޓަނެޓް ބޭނުންކުރާ މީހުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޓޫލެއް ނޫނެވެ. މި ޓޫލް ފަރުމާކޮށްފައިވަނީ ސޯޝަލް ނެޓްވޯކިންގެ ޚިދުމަތްދޭ އެޕްތަކަށް ޚާއްސަކޮށްގެންނެވެ.

މި ޓޫލް މެދުވެރިކޮށް އެފަދަ އެޕްތަކުގެ މޮޑަރޭޓަރުންނަށް އެމީހުންގެ މެސެޖިންގ ސަރވިސްގެ ތެރެއިން އިންޓަނެޓް ގްރޫމިންގއަށް ހިތްވަރުދޭ ފަދަކަމެއް ހިނގާނަމަ، އެކަން ނޮޓިފައިކޮށްދޭނެއެވެ. އެގޮތުން "އިންޓްރިކޭޓް ކޯޑިންގ"ގެ އެހީގައި ޓެކްސްޓް-ބޭސްޑް ޗެޓް ކޮންވަޒޭޝަންތައް މި ޓޫލުން އޮޓޮމެޓިކުން ސްކޭންކޮށްދީ ރޭޓްކުރާނެއެވެ. އަދި އިންޓަނެޓް ގްރޫމިންއަށް ޝައްކުކުރެވޭފަދަ ކަމެއް ހިނގާނަމަ، އެކަމެއް ވަގުތުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ފަސޭހަވެގެންދާނެކަމަށް މައިކްރޯސޮފްޓުން ބުނެފައިވެއެވެ. ނަމަވެސް ޕްރައިވެސީ ޕޮލިސީތަކަށް ބަލައި، މި ޓޫލުން އެފަދަ ކަންކަން ޑިޓެކްޓްކޮށް ރޭޓުކުރާނެގޮތުގެ ތަފްޞީލު އެކުންފުނިން ހާމަކޮށްފައެއްނުވެއެވެ.

މައިކްރޯސޮފްޓްގެ މި އެންޓި-ގްރޫމިންގ ޓޫލަކީ އިންޓަނެޓްގެ ޒަރިއްޔާއިން ހިންގާ ސައިބަރ ކްރައިމްތައް ހުއްޓުވުމަށް ޓެކްނޮލޮޖީގެ ތެރެއިން ހޯދުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކަމާބެހޭ ތަޖުރިބާކާރުން ދެކެއެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިން ހައްލުވައިގެން ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހޯދާ، އެއިން ވިޔަފާރިކުރާ ބޮޑެތި ނެޓްވޯކްތަކާއި، ވަކިވަކި ފަރުދުންނާމެދު ފިޔަވަޅު އެޅުމަށް ފަސޭހަވެގެންދާނެކަން އެފަރާތްތަކުން ބުނެއެވެ.

އިންޓަނެޓްގެ "ދަލު"ގައި ކުދިން ނުޖެހެނީސް ސަލާމަތް ކުރަންޖެހޭ:


އިންޓަނެޓް ބޭނުންކޮށްގެން ސައިބަރ ކްރައިމްތައް ހިންގާ މިންވަރު ރާއްޖޭގައިވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުންވަމުންނެވެ. ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާރޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އެންމެ އާންމުކޮށް ހިނގާ މައްސަލަތަކުގެ ތެރޭގައި ހެކްކުރުމާއި، ޑިސްޓްރިބިއުޓިވް ޑިނައިލް އޮފް ސަރވިސް، ޑީޑޮސް އެޓޭކްސް ދިނުމުގެ އިތުރުން، ސޯޝަލް މީޑިއާތަކުގެ ޒަރީއާއިން އިންޒާރުދިނުމާއި، ބިރުދެއްކުމާއި، އޮންލައިން ޑެބިޓް އަދި ކްރެޑިޓް ކާރޑް ފްރޯޑް ފަދަ ކުށްތައްވެސް ފާހަގަ ކުރެވެއެވެ. އަދި ކިތަންމެ ޤަބޫލުކުރަން ދަތިވިނަމަވެސް "އިންޓަނެޓް ގްރޫމިންގ"ގެ ޝިކާރައަކަށް ކުޑަކުދިންނާއި، ޒުވާނުން ރާއްޖޭގައިވެސް ދަނީ ވަމުންނެވެ.

"އިންޓަނެޓް ގްރޫމިންގ"އާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ކުރެއްވި ޓުވިޓެއްގައި މި ހަޤީޤަތް މިއަދު ދިވެހިންވެސް ގަބޫލުކުރަންޖެހިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންޓަނެޓުގެ ދަލުގައި މަޢުސޫމް ކުދިން ނުޖެހެނީސް މައިންބަފައިންނާއި ބެލެނިވެރިން އެކުދިން އެ ވަބާއިން ސަލާމަތްކޮށްދޭންޖެހޭކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިފަދަ ކަމެއް ހިނގާކަން ފާހަަގަކުރެވިއްޖެނަމަ ނުވަތަ ޝައްކުކުރެވޭނަމަވެސް އެކަން ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކޮށްދިނުމަށްވެސް ޖެންޑަރ މިނިސްޓަރ ވަނީ އިލްތިމާސްކޮށްފައެވެ.

ސްކޫލް ދަރިވަރުން ނުވަތަ ކުޑަކުދިންވެސް މިއަދު އިންޓަނެޓް ބޭނުންކުރަނީ އަމިއްލަ ގޭގައި ކޮމްޕިއުޓަރުން ނުވަތަ ލެޕްޓޮޕަކުންނެވެ. ނޫންނަމަ ސްމާޓް ފޯނު ނުވަތަ ޓެބްލެޓް ބޭނުންކޮށްގެންނެވެ.

އިންޓަނެޓް ބޭނުންކުރާ ކުޑަކުދިންނާއި ޒުވާނުން ގިނަވަމުން ދިއުމާއެކު، ބެލެނިވެރިން މިކަމަށް ސަމާލުކަން ދޭންޖެހޭ މިންވަރުވެސް މިވަނީ އެތައް ގުނައެއް އިތުރުކުރަންޖެހިފައެވެ. ސޯޝަލް މީޑިއާއާއި ވެބްސައިޓްތައް މެދުވެރިކޮށް ތިމާގެ ދަރިފުޅު ބަލަނީ ކޮންކަހަލަ އެއްޗިއްސެއްތޯ ބެލެނިވެރިން ބަލަންޖެހެއެވެ. އަދި ދަރިފުޅު ވާހަކަ ދައްކަނީ ކޮން އުމުރެއްގެ ކާކުކަން ބެލެނިވެރިން އޮޅުންފިލުވުން މުހިއްމެވެ. އާދައިގެ ކަމަކަށްހަދާ، ދަރިންނަށް މިނިވަންކަން "ހައްދުން ނެއްޓޭ" މިންވަރަށް ދިނުމުގެ ބަދަލުގައި، ކޮންމެ ބެލެނިވެރިއަކުވެސް މިކަންކަމަށް ފާރަވެރިވާންޖެހެއެވެ.

އިންޓަނެޓް ގްރޫމްކުރާ މީހުން އެކަން ކުރުމުގައި ބޭނުންކުރާ އެންމެ އާއްމު އުޅުޅަކީ ކުއްޖާ ހައްލާލުމެވެ. ނުވަތަ ކުއްޖާ ވާވައްދާލުމެވެ. މިކަން ކުރަން އެފަދަ މީހުން ފުރަތަމަވެސް ކުއްޖާއާއި ވާހަކަދައްކާ، އިތުބާރު ހޯދައެވެ. އެއަށްފަހު އުމުރާއި ނުގުޅޭ ވާހަކަދައްކާ، ބަރަހަނާ ފޮޓޯއާއި ވީޑިއޯ ދައްކުވައިގެން ކުއްޖާގެ ސިކުނޑިއާއި ކުޅެން މަސައްކަތް ކުރެއެވެ. ދެން ކުއްޖާގެ ފަރާތުންވެސް އެފަދަ ފޮޓޯއާއި ވީޑިއޯ ހޯދަން މަސައްކަތްކުރާނެއެވެ. އެކަން ކާމިޔާބުކުރެވުމުން ކުއްޖާ ބްލެކްމޭލްކޮށް ނުވަތަ ބިރުދައްކައިގެން ކުއްޖާގެ ފުށުން އިތުރު މަންފާތަކެއް ހޯދުމުގެ މަސައްކަތް އެމީހުން ފަށާނެއެވެ. މިފަދަ ކަންކަމުގެ ޝިކާރައަކަށް ގިނަ ފަހަރަށް ވަނީވެސް ނަފްސާނީގޮތުން ބަލިކަށި ކުދިންނެވެ.

އެހެންކަމުން އުމުރާ ނުގުޅޭ ވާހަކަތައް ދައްކައި، ކުޑަކުދިން ހައްލާލައިގެން ނާޖާއިޒުގޮތުގައި ފައިދާ ހޯދުމަށް ހިންގާ ޢަމަލުތަކަކީ ރަނގަޅުކަމެއް ނޫންކަން ދަރިންނަށް ވިސްނައިދޭންޖެހެއެވެ. އަދި ތިމާގެ ދަރި އެފަދަ ކަމަކަށް ހުށަހެޅިފައިވާކަން އެނގޭނަމަ، އެކަން ސިއްރުކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން މުހިއްމެވެ. ނޫންނަމަ ދަރިންގެ ޢިއްޒަތާއި އަބުރު ގެއްލިގެން ދިއުމުގެ އިތުރަށް ކުދިންގެ މުސްތަޤުބަލުވެސް އެ ވަށްޓާލެވެނީ ފުންމިން ނޭނގޭ އަނދަވަޅަކަށެވެ.

އިންޓަރނެޓު ބޭނުންކުރުމުގައި އެކަށީގެންވާ ވަރަށް "ސައިބަރ ސެކިއުރިޓީ"އާއި ގުޅޭ މަޢުލޫމާތު އެނގިފައި އޮތުމަކީ މިއަދު ކޮންމެހެން ބޭނުންތެރިކަމެކެވެ. އަދި އިންޓަނެޓްގެ "އަނދިރި" ފަރާތުގައި ހިނގާ ކަންކަމާމެދު މިހާރަށްވުރެ ބޮޑަށް ކޮންމެ މީހާކުވެސް ހޭލުންތެރިވާންޖެހެއެވެ. މިކަމާމެދު އެންމެހާ ބެލެނިވެރިންނާއި އިންޓަނެޓްގެ ޚިދުމަތް ފޯރުވައިދޭ ފަރާތްތަކާއި، ސަރުކާރުންވެސް ސަމާލުވެ ހުށިޔާރުވެތިބުން މުހިންމެވެ. އިންޓަނެޓްގެ ދަލުގައި ޖެހި ޅަ ދަރިންގެ ހަޔާތް ވީރާނާވެ، ބަރުބާދުވެގެންދާކަށް އެއްވެސް މަޔަކު އަދި ބަފަޔަކުވެސް ނޭދޭނެކަން ޔަޤީނެވެ.