ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗް.ޑީ.ސީ އިން ހުޅުމާލޭގައި ތަރައްޤީކުރި ސެންޓްރަލް ޕާކާއި ބާބަކިއު ސަރަހައްދު ރޭ ހުޅުވައިފިއެވެ.ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ހުޅުމާލޭގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން އެދެތަން ހުޅުއްވައިދިނީ ނިމިދިޔަ އިންޑިޔަން އޯޝަން އައިލޭންޑް ގޭމްސްއިން ރަންމެޑެލްހޯދި ހަސަން ސާއިދެވެ. ހުޅުމާލޭގައި ރޭ ކުރިއަށްގެންދިޔަ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި، ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބައިވެރިވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައެވެ.ޒަމާނީ ފެންވަރަށް އެޗް.ޑީ.ސީން ތަރައްޤީކޮށްފައިވާ ބާބަކިއު ސަރަހައްދުގައި އެއްފަހަރާ 130 މީހުންނަށް މިހާރު ހިތްފަސޭހަކޮށްލެވޭނެކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. ރޭގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ ސަރުކާރުން ޒުވާނުނަށްވެފައިވާ ވަޢުދުގެ އިސް މަސައްކަތްތަކެއް އެ ކޯޕަރޭޝަނުގެ ޒިންމާގެތެރޭގައި ހިމެނިފައިވާކަމަށެވެ. އެގޮތުން މިހާރު އެ ކޯޕަރޭޝަންގެ ސްޓްރެޓެޖިކް ޕްލޭންގެ ތެރެއަށް ޒުވާނުންގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ވައްދައިގެން މަސައްކަތް ކުރަމުން އަންނަކަމަށް ސައިމަން ވިދާޅުވިއެވެ.ހުޅުމާލޭ ސެންޓްރަލް ޕާކު ރޭ ހުޅުވައިފައިވަނީ ނުރަސްމީކޮށެވެ. އިންޖީނުލީ އެއްގަމު އުޅަނދަށް ނުވަދެވޭގޮތަށް ހުޅުމާލޭގެ މެދުގައި ޤާއިމްކޮށްފައިވާ ސެންޓްރަލް ޕާކު ޑިޒައިންކޮށްފައިވަނީ އެތަނުގެތެރޭގައި ބައިސްކަލު ދުއްވާ، ކުޑަކުދިންނާއި ޒުވާނުންނަށް ހިތްހަމަޖައްސާލެވޭނެ އެކި ހަރަކާތް ހިންގޭގޮތަށެވެ. ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ހުޅުމާލޭގައި ރޭ ބޭއްވި ހަރަކާތްތަކުގެ ތެރެއިން ބަޑިބޭހުގެ ކުޅިވަރާއި އަލިފާނުގެ ކުޅިވަރުތަކުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ މިއުޒިކު ޝޯއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން އިއްޔެ ހަވީރު ހުޅުމާލޭ ފަޅުތެރޭގައި ފްލައި ބޯޑިންގގެ ހަރަކާތްތަކެއްވެސް ވަނީ ދައްކާލާފައެވެ.