މުނިފޫހިފިލުވުން

މެނޭޖަރ އަމިއްލައަށް މަރުވިތާ 8 ދުވަސްފަހުން ސުޝާންތްވެސް އަމިއްލައަށް މަރުވެއްޖެ


ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން ތަރި ސުޝާންތު ސިންގް ރާޖްޕުތު އަމިއްލައަށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން 34 އަހަރުގެ ސުޝާންތު ދަންޖެހިގެން އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނީ މުމްބާއީގައި ހުންނަ އޭނާގެ އެޕާޓްމެންޓެގެ ތެރޭގައިކަމަށް އިންޑިއާ ނޫސްތަކުން ބުނެއެވެ. މުމްބާއީގެ ފުލުހުންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އޭނާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޕޯސްޓްމޯޓަމްގެ ކަންކަން ކުރިއަށް ދާތީ އިތުރު ތަފްޞީލެއް މުމްބާއީ ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ސުޝާންތު އަމިއްލައަށް ދަންޖެހިގެން މަރުވެފައިމިވަނީ އޭނާގެ މެނޭޖަރ ދީޝާ ސަލިއަން އުސް އިމާރާތަކުން އަމިއްލައަށް ފުންމާލައިގެން މަރުވިތާ އަށް ދުވަސް ފަހުންނެވެ. ސުޝާންތު ވަނީ ދީޝާގެ މަރަކީ ލިބުނު ކުއްލި ސިހުމެއްކަމަށާއި އެކަމާއި ހިތާމަ ކުރާކަން ފާޅުކޮށްފައެވެ.

ސުޝާންތްގެ މެނޭޖަރ މަރުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ސުޝަންތަ މަރުވި ނަމަވެސް މި ދެ މަރާ އެއްވެސް ގުޅުމެއް ވާކަމެއް އެއްވެސް މީޑިއާއަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެ ޤައުމުގައި ފުރަބަންދު އިޢުލާންކުރިފަހުން ސުޝާންތު އުޅެމުން ދިޔައީ އަމިއްލަ އެޕާޓްމަންޓުގައި އެކަންޏެވެ. އަދި ބަލިވެ އުޅޭތާ ދުވަސްކޮޅެއްވެފައިވާކަމަށާއި، ސޯޝަލް މީޑިއާ އެކައުންޓްތަކުގައިވެސް އެކްޓިވްނުވާތާ ދުވަސްކޮޅެއްވެފައިވާކަމަށް ބުނެފައިވެއެވެ. ސުޝާންތު އެންމެފަހުން އިންސްޓަގްރާމުގައި ޕޯސްޓްކޮށްފައިވަނީ އޭނާގެ މަންމަގެ ފޮޓޯއެކެވެ. އެއީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

އުމުރުން 34 އަހަރުގެ ސުޝާންތު އޭނާގެ ފިލްމީ ކެރިއަރ ފަށާފައިވަނީ 2008 ވަނަ އަހަރު ސްޓަރޕްލަސްއިން ގެނެސްދިން "ކިސް ދޭޝް މޭ ހޭ މޭރާ ދިލް" ޑްރާމާއިންނެވެ. އަދި އޭނާ ބޮލީވުޑަށް ތަޢާރަފުވެފައިވަނީ 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ކައި ޕޫ ޗޭ" އިންނެވެ. އޭނާ ވަނީ ހިންދީ ސިނަމާތަކުންނާއި ރިއަލިޓީ ޝޯވތަކުން ގިނަ ބައެއްގެ މަަޤުބޫލުކަން ހޯދާފައެވެ.

ސުޝާންގެ އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 2013 ވަނަ އަހަރު ރިލީޒް ކުރި "ޝުދް ދޭސީ ރޮމޭންސް"، 2014 ވަނަ އަހަރު ރިލީޒް ކުރި "ޕީކޭ"، 2018 ވަނަ އަހަރު ރިލީޒް ކުރި "ކެދަރްނަތު" އަދި 2019 ވަނަ އަހަރު ރިލީޒްކުރި "ޗިޗޯރޭ" ހިމެނެއެވެ.

ސުޝާންތު ކުއްލި މަރާއެކު މުޅި ބޮލީވުޑަށް ލިބިގެންގޮަސްފައިވަނީ ބޮޑު ޝޮކެކެވެ. އެގޮތުން ބޮލީވުޑުގެ އޭރާއި މިހާރުގެ ތަރިންނާއި، ފިލްމް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަންނަނީ މި ހިތާމައިގައި ބައިވެރިވެ، އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ރައްދުކުރަމުންނެވެ.