ޚަބަރު

"ގޭގައި ތިބި ދުވަސްވީ މީހުންނަށް ބަލި ގެންދާ މީހަކަށް ނުވާތި"


ފުރަބަންދަން ލުއިތައް ދިންނަމަވެސް ގޭގައި ތިބި އުމުރުން ދުވަސްވީ މީހުންނާ ހަމައަށް ބަލި ގެންދާ ބަޔަކަށް ނުވުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވަނީ ފުރަބަންދުގެ ތެރޭގައި ވެސް އުމުރުން ދުވަސްވީ ގިނަ ބަޔަކު ޕޮޒިޓިވް ވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވޭތުވެ ދިޔަ ދެދުވަހު އުމުރުން 83 އަހަރުގެ މީހަކާއި 92 އަހަރުގެ މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. މަބްރޫކް ވިދާޅުވީ ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްފައިވާއިރު ވޭތުވެ ދިޔަ ދެ ދުވަހު އުމުރުން ދުވަސްވީ މީހުން ބައްޔަށް ޕޮޒިޓިވް ވުމުން ލިބިގެންދަނީ ނުރައްކާތެރި ސިގްނަލެއް ކަމަށާއި މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށެވެ.

"އަޅުގަނޑަށް އަދި ތިބޭފުޅުންނަށް މި ވެދާނެ ރޯގާއަކަށް. އެކަމަކު ތިބޭފުޅުން ބަލި ގެންދަވަނީ ކާކަށްތޯ އެބަޖެހޭ ބަލަން. ފަހަރުގަ ބަލި އެ ގެންދެވެނީ ވަރަށް އުނދަގޫ ބިރުވެރި ހާލަތަކާ ކުރިމަތިވާ މީހަކަށް ވެސް ވެދާނެ" މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވިއެވެ.

ރާއްޖޭގައި މި ބަލި ޖެހުނު ގިނަ މީހުން ބަލީގައި ބޮޑުވަރުނުވެ ބަލިން ސަލާމަތްވެފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. ނަމަވެސް ބަލީގައި ހައިރިސްކް މީހުން އެބަ ތިބި ކަމަށާއި ބޭރަށް ނުކުތުމަށް ފަހު އެނބުރި ގޮސް ގެއަށް ވަންނަ އިރު ގޭގައި ތިބި ހައިރިސްކް މީހުންނާ މެދު ވިސްނައި އެ މީހުންނަށް ބަލި ޖެހުމަށް ފުރުސަތު ކުޑަ ކުރުމަށް މަބްރޫކް ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ފުރަތަމަ ދިން ލުއީގައި ވެސް އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން 8:00 އަށް ބޭރަށް ނުކުމެ އުޅެން އޮތީ ހުއްދަ ދީފައެވެ. އަދި މިއަދުން ފެށިގެން ފަތިހު 5:00 އާއި ރޭގަނޑު 10:00 އާ ދެމެދު އެންމެންނަށް ވެސް ބޭރަށް ދެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ވަކި ގަޑިތަކެއް ކަނޑައެޅިފައި އޮތްނަމަވެސް އެ ގަޑިތަކުގައި ބޭރަށް ނުކުމެ އުޅޭއިރު ސަމާލުވުމަށް މަބްރޫކް އިލްތިމާސްކުރެއްވިއެވެ.

ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ 60 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ.