މުނިފޫހިފިލުވުން

އަރތު ޑޭ ނެޓްވޯކުގެ އެމްބެސެޑަރަކަށް މައިޝާ


އަރތު ޑޭ ނެޓްވޯކުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާ އެމްބެސެޑަރަކަށް ޒުވާން ލަވަކިޔުންތެރިޔާ މަރިޔަމް މައިޝާ (ރާޅު މަރިޔަބު) ހަމަޖައްސައިފިއެވެ.

އަރތު ޑޭ ނެޓްވޯކަކީ ތިމާވެށީގެ ރޮނގުން މީހުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ އެންމެ ބޮޑު މޫވްމަންޓް "އަރތު ޑޭ"ގެ ހަރަކާތްތައް ރާވާ އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ނެޓްވޯކެވެ. އެގޮތުން ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުގައި އާތު ނެޓްވޯކުގެ ހަރަކާތްތައް ކުރިއަށްދެއެވެ. އެ ނެޓްވޯކުގެ ރާއްޖޭގެ އެމްބެސެޑަރުކަމަށް ލަވަކިޔުންތެރިޔާ މައިޝާ ހަމަޖައްސާފައިވާކަން އިޢުލާންކޮށްފައިވަނީ އާތު ޑޭ ނެޓްވޯކުގެ ރަސްމީ ވެބްސައިޓުގައެވެ.

މިކަމާގުޅިގެން މައިޝާ ބުނެފައިވަނީ ތިމާވެށީގެ މަައްސަލަތަކަށް ޢާއްމުން ހޭލުންތެރިކުރުވުން، ވަކިން ޚާއްސަކޮށް، ދުނިޔެ ހޫނުވުންފަދަ މައްސަލަތައް ހުއްޓުވުމަށް އާތު ޑޭ ނެޓްވޯކުގެ ފަރާތުން ކުރަމުންދަނީ އޭނާ ވަރަށް ބަލައިގަންނަ މަސައްކަތްތަކެއް ކަމަށެވެ. އަދި ތިމާވެށީގެ މައްސަލަތަކަކީ ދިވެހިރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށް އޭގެ ނުރައްކާ އެތައްގުނައަކަށް އޮތް މައްސަލަތަކެއްކަމުން އެކަންކަމަށް އަވަސް ހައްލުތަކެއް ބޭނުންވާކަން މައިޝާ ފާހަގަކުރިއެވެ. މައިޝާ ބުނީ، މި ލިބުނު ފުރުޞަތާއެކު ތިމާވެށްޓަށް ގެއްލުންދެނިވި ހަކަތަތަކާއި، ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކޮށް، ރާއްޖޭގެ ކަނޑުތަކާއި ފަރުތަކަކީ "ޕްލާސްޓިކް ފްރީ" ތަނަކަށް ހެދުމަށް އޭނާ އަޑުއުފުލާނެ ކަމަށެވެ.

"އަހަންނަަށް ލިބިފައިވާ އާޓިސްޓިކް ޓެލެންޓުގެ ބޭނުން ހިފައި، އަހަރުމެންގެ ވަށައިގެންވާ ވެށީގެ ފެހިކަންގަދަކޮށް ސާފުކަންމަތީ ބޭއްވުމަށާއި، ތިމާވެށްޓަށް ކުނިއެޅުން ހުއްޓުވުމަށް ސަޕޯޓަރުންނަށް ނަސޭހަތްތެރިވާނަން. ތިމާވެށްޓަށްޓަކާ ކަމެއް ކޮށްނުދެވޭހާ ބިޒީއެއް އެެއްވެސް މީހަކު ނުވާނެ. . އަރތު ޑޭ ނެޓްވޯކުންވެސް ބުނާފަދައިން ތިމާވެށި ހިމާޔަތްކުރަން ކޮށްލާ ކިތަންމެ ކުޑަކަމަކުންވެސް ބަދަލު ގެނެވިދާނެ" މައިޝާ ބުންޏެވެ.

އަރތު ނެޓްވޯކުގެ ރައީސް ކެތެލީން ރޯގާސް ބުނީ އެ ނެޓުވޯކުގެ ރާއްޖޭގެ އެމްބެސެޑަރަކަށް މައިޝާ ހަމަޖެއްސުމަކީ ލިބޭ އުފަލެއްކަމަށެވެ. އަދި މިއީ ތިމާވެށީގެ ކަންކަމުގައި އަޑު އުފުލުމަށް މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަންނާނުންގެ ބައިވެރިވުން އިތުރުކުރަން ކުރާ މަސައްކަތަށްވެސް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަަށް އޭނާ ބުންޏެވެ. މިއުޒިކަކީވެސް މީހުން އެއްބައިވަންތަކޮށްދޭ އާޓެއްކަމަށާއި، މިކަމުގެ ތެރެއިންވެސް ތިމާވެށްޓާމެދު މީހުން ހޭލުންތެރިކުރެވިދާނެކަމަށް އާޓު ނެޓްވޯކުން ޤަބޫލުކުރެއެވެ. އަދި މިކަމުގެ ތެރޭގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިކުރުމަށް އެ ނެޓްވޯކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މައިޝާގެ ޒަރިއްޔާއިންވެސް ތިމާވެށީގެ މައްސަލަތަކާމެދު ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެވިދާނެކަމަށް ކެތެރީން ބުނެފައިވެއެވެ.

މައިޝާ އާއްމުންގެ މެދުގައި މަޤުބޫލުވެގެންދިޔައީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ފްރެންޗައިޒް ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ތެރެއިންނެވެ. އެގޮތުން އޭނާ ވަނީ 2018 ވަނަ އަހަރު ޕީ.އެސް.އެމުން ބޭއްވި އައިޑަލްގެ 3ވަނަ ސީޒަންގައި ވާދަކޮށް، މުބާރާތުގެ 2 ވަނަ ހާޞިލުކޮށްފައެވެ. ހިތް ތިރި މީހުންނާއި ގުޅޭ މިޒާޖެއް ހުންނަ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މައިޝާ މަޝްހޫރުވެފައިވަނީ "ރާޅު މަރިޔަބު"ގެ ނަމުންނެވެ. ޒުވާނުންނަށް އެކިގޮތްގޮތުން ފުރުޞަތުތައް ފަހިކޮށްދިނުމަށް ޕީ.އެސް.އެމުން ދަނީ މިފަދަ އިތުރު ފްރެންޗައިޒެއް ރާއްޖެއަަށް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާސްޓަރ ޝެފް ރާއްޖޭގައި ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އައިޑަލްގެ ތެރެއިން ލިބުނު މަޝްހޫރުކަމާއެކު ކުޑަދުވަސްކޮޅެއްގެ ތެރޭގައި މައިޝާ ވަނީ އެތައް ބަޔަކު އޭނޭގެ އަޑުގެ ޖާދޫގައި ޖައްސުވާފައެވެ. ރިސޯޓް މިއުޒިކް ކުޅެމުން އަންނަ މައިޝާއަކީ މިހާރު އަމިއްލަ ބޭންޑެއްވެސް ގެންގުޅޭ ޒުވާނެކެވެ. އެގޮތުން "މިއުޒިގަރުން"ގެ ނަމުގައި އޭނާގެ އަމިއްލަ ބޭންޑެއް ދަނީ ހިންގަމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހެޕަޓައިޓިސްއާއި ދެކޮޅަށް ރާއްޖޭގައި ކުރާ މަސައްކަތްތަކުގައި ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވާ މައިޝާއަކީ ދިރާގާއި، މަންޓާ އެއަރގެވެސް އެމްބެސެޑަރެކެވެ.